English Edition
Dhivehi Edition

މާލެ އާއި ހުޅުމާލެ ގުޅުވައިދޭ ބްރިޖުގެ ވާތްފަޅި ބަންދުކުރަން އެ ބްރިޖް ހެދި ކުންފުނި ސީސީސީސީ އިން ސަރުކާރުގައި އެދިއްޖެއެވެ.

ސީސީސީސީ އިން ބުނީ ސިނަމާލޭ ބްރިޖްގެ ވާތްފަޅި ބަންދުކުރަން ނިންމެވީ ބްރިޖް އެޅުމަށްޓަކައި ހެދި ވަގުތީ ޕްލެޓްފޯމް ނެގުމުގެ މަސައްކަތަށްކަމަށެވެ.

ސެޕްޓެމްބަރުމަހު އާންމު ދަތުރުފަތުރަށް ބްރިޖް ހުޅުވާލާފައިވާއިރު، ބްރިޖް އެޅުމުގެ މަސައްކަތަށް މާލެއާ ހުޅުމާލެއާ ދެމެދު އެޅި ދަނގަޑު ޕްލެޓްފޯމް ނެގުމުގެ މަސައްކަތް ސީސީސީސީ އިން ދަނީ ކުރަމުންނެވެ. އެހެންނަމަވެސް އެ ޕްލެޓްފޯމްގެ ބައެއް އަދިވެސް ހުރީ ނުނެގި އެވެ.

ބްރިޖާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމަށް ސީސީސީސީގެ ސްޕޯކްސްޕާސަން ވަންގް ޝާއޯ ދެއްވި ޕްރެސް ބްރީފިންއެއްގައި ވިދާޅުވީ، ވަގުތީ ޕްލެޓްފޯމްގެ ބޮޑު ބައެއް މިހާރު ނަގާފައިވާ ކަމަށެވެ. އެހެން ނަމަވެސް މައި ބްރިޖްގެ ފަސް ވަނަ ތަނބާއި ނުވަ ވަނަ ތަނބާއި ދެމެދުގައި ހުރި ދަނގަޑު ޕައިލްތަކެއް އަދިވެސް ހުރީ ނުނެގި ކަމަށާއި އެ މަސައްކަތް ކުރެވޭނީ މާލެއިން ބްރިޖަށް ވަންނަ ފަޅި ބޭނުންކޮށްގެން ކަމަށް ވާތީ ބްރިޖްގެ އެ ފަޅި ބަންދުކޮށްދިނުމަށް މިހާރު ސަރުކާރުގައި އެދިފައިވާ ކަމަށް ޝާއޯ ވިދާޅުވި އެވެ.