English Edition
Dhivehi Edition
ފުލުހުން ސިނަމާލެ ބްރިޖުގެ ޓްރެފިކް ބަލަހައްޓަނީ - ފޮޓޯ: ޕޮލިސް

މިރެއިން ފެށިގެން ކޮންމެ ދުވަހަކު އަށް ގަޑިއިރަށް ސިނަމާލެ ބްރިޖަށް އެރުން މަނާކޮށްފި އެވެ.

ފުލުހުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ރާއްޖޭގައި ކޮވިޑް-19 އިތުރަށް ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި ކުރިއަށް އޮތް ދެ ހަފްތާއށް އާ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ކޮންމެ ދުވަހަކު ދަންވަރު 01:00 އިން 09:00 އިން އާންމުންނަށް ސިނަމާލެ ބްރިޖަށް އެރުން މަނާވާނެ ކަމަށް ފުލުހުން ބުނެއެވެ.

އަދި އެވަގުތަކުގައި ބްރިޖަށް އެރުމުގެ ހުއްދަ ދެވޭނީ އަސާސީ އާންމު ޚިދުމަތްދޭ ފަރާތްތަކަށާއި ސަލާމަތީ ޚިދުމަތްތަކަށް އެކަނި ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ސަލާމަތީ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރުމަށް ނިންމާފައިވާއިރު، މިހާތަނަށް ރާއްޖެއިން 968 މީހަކަށް ވަނީ ކޮވިޑް ޖެހިފައެވެ. އަދި އެ ބަލީގައި ހަތަރު މީހަކު މަރުވެފައިވާއިރު، ބަލިން ރަނގަޅުވެފައި ވަނީ 40 މީހުންނެވެ.

މީގެ އިތުރުން ކޮވިޑް-19 އިތުރަށް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މާލެ ސަރަޙައްދުގެ ފުރަބަންދުގެ މުއްދަތު މެއި 28ގެ ނިޔަލަށް އިތުރުކުރުމަށްވެސް އެޗްޕީއޭ އިން ވަނީ ނިންމައިފަ އެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއްގައި މިސްކިތުގައި ޖަމާޢަތް ހަދައިގެން ނަމާދު ނުކުރުމަށް ނިންމި ނިންމުން އިސްލާމިކް މިނިސްޓްރީންވެސް ވަނީ މެއި 28ގެ ނިޔަލަށް ދަމަހައްޓަން ނިންމައިފަ އެވެ.