ޗައިނާ ގައި ބާއްވާ ޔޫތް ކޭމްޕް ގައި ބައިވެރިވުމަށް، ޗައިނާ މޯލްޑިވިއަން ކަލްޗަރަލް އެސޯސިއޭޝަން (ސީއެމްސީއޭ) ގެ ފަރާތުން ޓީމެއް މިއަދު ޗައިނާ އަށް ފޮނުވައިފިއެވެ.
އޮކްޓޯބަރ 21 އިން 27 އަށް ޗައިނާގެ ވެރިރަށް ބެއިޖިންގައި ކުރިއަށް ގެންދާ މި ކޭމްގައި ސީއެމްސީއިން ބައިވެރިކޮށްފައިވަނީ 4 ބައިވެރިންނެވެ. އެއީ ސ.މަރަދޫ ރަތްމާގެ ހައްވާ އާފީ އުމަރު، ޏ.ފުވައްމުލަކު ދޯދި މުޙައްމަދު ސާރިމްގެ އާއި ރ.އިނގުރައިދޫ ކޫލް ހައުސް ޙުސެއިން އަންވަރެވެ. މި ބައިވެރިންނާއެކު ސީއެމްސީއޭގެ އޮފިޝަލެއްގެ ގޮތުގައި ޓީމާއެކު ކޭމްޕްގައި ބައިވެރިވަނީ ސ.ހިތަދޫ ދިވަރަ އާމިނަތު ގުލްފިޝާމެވެ.
“2018 ސިސްޓަރ ސިޓީ ޔޫތް ކޭމްޕް” ގެ ނަމުގައި ކުރިއަށް ގެންދާ މި ކޭމްޕަކީ ބެއިޖިންގެ ޕީޕަލްސް އެސޯސިއޭޝަން ފޯރ ފްރެންޑްޝިޕް ވިތް ފޮރިން ކަންޓްރީސް އާއި ބެއިޖިން ޔޫތް ފެޑަރޭޝަނުގެ އިތުރުން ޕީޕަލްސް ގަވަރމެންޓް އޮފް ބެއިޖިން މުނިސިޕަލްޓީގެ ފޮރިން އެފެއާޒް އޮފީހުން އިސްނަގައިގެން ކުރިއަށް ގެންދާ ކޭމްޕެކެވެ. މި ޕްރޮގްރާމުގެ މަގްޞަދަކީ ، ދޭދޭ ގައުމުތަކުގެ ޒުވާނުންގެ އޮގަނައިޒޭޝަންސް ތަކާއ މެދުގައި އޮންނަ ގުޅުން ވަރުގަދަ ކުރުމާއި އެއްޕްލެޓްފޯމެއްގައި ތިބެ ޒުވާނުން އެމީހުންގެ ވާހަކަތައް އެކަކު އަނެކަކަށް ހިއްސާކޮށް ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލާނެ ގޮތާއި ތަފާތު އެކިކަހަލަ ނުފޫޒުތަކުން އެއްކިބާވެ މަސައްކަތް ކުރާނެ ގޮތާ ބެހޭ ގޮތުން މަޝްވަރާކޮށް ހަދާނެ ޕްލެޓްފޯމެއް ހޯދައިދިނުމެވެ.
މިއަހަރުގެ ސިސްޓަރ ސިޓީ ޔޫތް ކޭމްގެ ތީމަކީ “ޔޫތް އެންޑް ކޮމިޔުނިޓީ އޮފް ގްލޯބަލް ވޮލެންޓިއަރިޒަމް” އެވެ.

ޗައިނާގައި ކުރިއަށް ގެންދާ މިފަދަ ގިނަ ޕްރޮގްރާމުތަކެއްގައި ސީއެމްސީއެމް އިން ގެންދަނީ ރާއްޖޭގެ ޒުވާނުންނަށް ފުރުސަތު ހޯދައިދެމުންނެވެ. އެގޮތުން ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހު ބާއްވާ ވިންޓަރ ކޭމްޕާއި ތަފާތު އެކިފަހަރު މަތިން ކުރިއަށް ގެންދާ ތައިޗީ ޓްރެއިންގ ތަކުގެ އިތުރުން ކަލިނަރީ އެކްސްޗޭންޖް ޕްރޮގްރާމު ފާހަގަކޮށްލެވެއެވެ.
ސީއެމްސީއޭ އިން މިއަހަރުގެ އޮގަސްޓް މަހު ޗައިނާގެ ސްކޫލެއްގެ ދަރިވަރުން ހިމެނޭ ޔޫތް ޑެލިގޭޝަނެއްވެސް ރާއްޖެ ގެނެސް މާލެއާއި އައްޑޫއަށް ޒިޔާރަތް ކޮށް ރާއެްޖޭގެ ސަގާފަތާއި އާދަކާދައާއި ބެހޭ ގޮތުން ގިނަ މައުލޫމާތު ތަކެއް ވަނީ ދީފައެވެ.