ހުކުރު ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޖެއްސި އިނގިރޭސި ވިލާތުގެ އަސްކަރީ މަތިންދާ ބޯޓަކީ އެހެން ބޯޓަކަށް ބޭނުންވާ ސްޕެއާތަކެއް ހިފައިގެން އައިސްފައިވާ ބޯޓެއްކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސްފޯސް އިން ބުނެފިއެވެ.
އެމްއެންޑީއެފްގެ ތަރުޖަމާނު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ހުކުރު ދުވަހުގެ ހަވީރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސި ބޯޓަކީ ސަރުކާރުގެ ކަމާ ގުޅުންހުރި ވުޒާރާތަކުން ގަވައިދުން ހުއްދަ ނަގައިގެން އައި ބޯޓެއް ކަމަށެވެ.
އާޒިމް ވިދާޅުވި ގޮތުގައި، ހުކުރު ދުވަހު ޖެއްސި އެބޯޓަކީ މިމަހުގެ 8 ވަނަ ދުވަހު ތެޔޮ އެޅުމަށް އެއާޕޯޓުގައި ޖެއްސިބޭރުގެ އަސްކަރީ އެހެން ބޯޓަކަށް ދިމާވި މައްސަލަތަކެއްގައި “ގްރައުންޑް” ކުރެވިފައިވާތީ އެ ބޯޓް ރަނގަޅުކުރުމަށް ސްޕެއާތަކެއް ހިފައިގެން އައި ބޯޓެކެވެ.
އަދި 8 ވަނަ ދުވަހު އެއާޕޯޓަށް ޖެއްސި ފްލައިޓަކީ އިންޑޮނޭޝިއާ އަށް އިންސާނީ އެހީ ފޯރުކޮށް ދިނުމަށް ހަރަކާތްތެރިވި ބޯޓެއް ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.