English Edition
Dhivehi Edition
ފޮޓޯ: އެމްއެންޑީއެފް

ވ.އަތޮޅުގައި ފަރުމަސްވެރިކަން ކުރުމަށްފަހު މާލެއަށް ދަތުރުކުރި “މަގުލަސް” ނަމަކަށް ކިޔާ ދޯންޏެއް މާލެ އަތޮޅު ފުށިދިއްގަރުފަޅުގެ އިރުމަތީ ފަރާތު ފަރަށް އަރައި، އޭގައި ހުރި ބައެއް ސާމާނު އޮޔާދާތީ އެ ސަރަހައްދުން ދަތުރުކުރައްވާ ދަތުރުވެރިން ސަމާލުވުމަށް އެމްއެންޑީއެފް އިން އިލްތިމާސްކޮށްފިއެވެ.

އެމްއެންޑީއެފް އިން ވިދަޅުވީ، ފަރަށް އެރުމުގެ ހާދިސާގެ މި މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ ދަންވަރު 01:23 ހާއިރުއެވެ.

ފަރުމަސްވެރިކަން ކުރާ، 80 ފޫޓް ހުންނަ މި ދޯނި، ފަރަށް އެރުމާ ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑަންގެ ޑައިވަރުންގެ ޓީމެއް ކޯސްޓްގާޑުގެ ލޯންޗުގައި ގޮސް، މިހާރު އެ ސަރަޙައްދުގައި ދަނީ ހަރަކާތްތެރިވަމުންނެވެ. މިހާދިސާ ހިނގިއިރު، އެ ދޯނީގައި 5 މީހުން ތިބިއިރު، އޭގެ ތެރޭގައި ދިވެއްސަކާއި 4 ބިދޭސީން ހިމެނެއެވެ. މި އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް އެމްއެންޑީއެފުން މަުލޫމާތު ދެއްވައެވެ.

އަދި މި ދޯނި ފުންކުރުމުގެ މަސައްކަތް ދޯނީގެ ވެރިފަރާތާއި އެމްއެންޑީއެފް ކޯސްޓްގާޑުން ގުޅިގެން މިހާރު ދަނީ ކުރަމުންކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.