English Edition
Dhivehi Edition

ރައީސް ޔާމީނަކީ އެއްއިރެއްގައި ވެސް ރައްޔިތުންގެ ރައީސެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމުގައި މަހުލޫފު ވިދާޅުވީ ރައީސް ޔާމީނަކީ އެއްވެސް އިރެއްގައި ރައްޔިތުންގެ ރައީސެއް ނޫން ކަމަށާއި އަދި ރައްޔިތުންނާ އެކުގައި ގާތުން މަސައްކަތް ކުރެއްވި ރައީސެއްވެސް ނޫންކަމަށެވެ.

“މުޅި ރިޔާސީ އިންތިޚާބު ނިމިގެންދިޔައިރު ރައީސް ޔާމީން ފޮޓޯގަނޑެއް ނެންގެވުމަށް ވެސް ޑޯޓުޑޯ ވެސް ހައްދަވާފައި ނެތް” މަހުލޫފް ވިދާޅުވިއެވެ.

އެމަނިކުފާނަކީ އެއްގޮތަކަށް ވެސް ރައްޔިތުން އެނގިވަޑައިގަންނަވާ ބޭފުޅެއް ނޫން ކަމަށް މަހުލޫފް ވިދާޅުވިއެވެ. މަހުލޫފް ވިދާޅުވީ މިފަހަރު އިންތިޚާބުގައި މަދު ރަށަކަށް ރައީސް ޔާމީން ވަޑައިގަތްއިރު ވެސް ހަތިޔާރާއެކު ވަޑައިގެން ދޮންވެލި ލީ ތަނެއްގައި އަގުބޮޑުކޮށް ޓެންޓު ޖައްސަވައިގެން ނޫނީ ޖަލްސާއެއް ވެސް ނުބާއްވަވާ ކަމަށެވެ. އެހެންކަމުން ރައއްޔިތުންގެ ހަގީގީ ހާލަތެއް، ރައްޔިތުންގެ ބޭނުމެއް އެމަނިކުފާނަށް އެނގިވަޑައިނުގަންނަވާ ކަމަށް މަހުލޫފް ވިދާޅުވިއެވެ.

ރައީސް އިއްޔެ ގައުމާ މުޚާތަބު ކުރައްވައި ދެއްވީ އެމަނިކުފާނުގެ ވަދާއީ ޚިތާބު ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް މަހުލޫފް ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ޔާމީންގެ އެންމެ ބޮޑު ނުކުޅެދުންތެރިކަމަކީ ފަސް އަހަރު ތެރޭ ރައްޔިތުންގެ ވިސްނުން އެނގިވަޑައިނުގަތުން ކަމަށް އެމަނިކުފާނު ވިދާޅުވެފައިވާތީ އެކަމަށް އިޝާރާތް ކުރައްވަވާ މަހުލޫފް ވިދާޅުވީ އާއިލާ ތެރޭގައި ތިއްބެވި ބޭފުޅުން އެނގިވަޑައިނުގަންނަވާ ބޭފުޅަކަށް އާންމު ރައްޔިތުން އެނގިވަޑައިނުގަންނަވާނެ ކަމަށެވެ. ފަސް އަހަރުތެރޭ ފެނިގެން ދިޔައީ އާއިލީ ބޭބޭފުޅުންނާއި އެންމެ ގާތް ބޭބޭފުޅުންނާއި އެންމެ ގާތުން މަސައްކަތް ކޮށްދެއްވި ބޭބޭފުޅުން ޖަލަށްލައްވައި ކުރެވުނު އަނިޔާއެއް ކުރެއްވި ތަން ކަމަށް އޭނާ ވިދާޅުވިއެވެ.

.