ވޭތުވެ ދިޔަ ފަސް އަހަރަކީ ވަރަށް އުނދަގޫ ފަސް އަހަރު ކަމަށާއި ދައުރު ނިމިގެން ދިޔައިރު ކުރިމަތިލާން ޖެހިވަޑައިގެންނެވި ނުކުޅެދުންތެރިކަމަކީ މީހުން ދަސްނުވުންކަމަށް، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން ޤައުމާ މުޚާތަބް ކުރައްވާ ދެއްކެވި ވާހަކަފުޅުގައި މިއަދު ވިދާޅުވީ ވެރިކަމުގެ ދައުރުގެ ތެރޭގައި ގިނަ ގޮންޖެހުންތަކަކާއެކުވެސް ޤައުމަށް ހަމަޖެހުން ގެނައުމަށް މަސައްކަތް ކުރެއްވިކަމަށެވެ
މިހުރިހާ ކަމަކާއެކުވެސް ދަސްނުވި އެއްޗަކީ މީހުންގެ ވިސްނުމާއި ފިކުރަށް ބަދަލު އައީ ކީއްވެގެންކަން” ރައީސް ވިދާޅުވިއެވެ. ”
މީގެ އިތުރުން ރައީސް ވިދާޅުވީ ވެރިކަމުގައި އެންމެ އިސްކަމެއް ދެއްވީ ޤައުމުގެ ސަލާމަތާއި، އިސްތިޤުލާލު ދަމަހައްޓާ، ބޭރުގެ ނުފޫޒުން ޤައުމު ސަލާމަތްކުރުމަށްކަމަށެވެ.
” ދާހިލީ އަދި ހާރިޖީ ސިޔާސަތްތަކުގެ ތެރެއިން ޤައުމަށް ކުރިއެރުން ގެނައުމަށް ކުރެއްވި މަސައްކަތުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވާނީ އަބަދުވެސް ޤައުމުގެ ސަލާމަތާއި، ރައްކާތެރިކަން އަދި އިސްތިޤްލާލު ދެމެހެއްޓުމަށް . އަދި ކުޑަ ޤައުމެއްގެ ގޮތުގައިއޮވެ، ރާއްޖެއިން ހޯދި ކާމިޔާބީތަކަށް ބޭރު ދުނިޔޭގެ ސަމާލުކަން ލިބިގެންދިޔަކަން ފާހަގަކޮށްލަން. މި ކަންތައްތަކާއެކު، ރާއްޖޭގެ ދާޚިލީ އަދި ޚާރިޖީ ސިޔާސަތުގެ ތެރެއަށް ބޭރުގެ ފަރާތްތަކުން ނުފޫޒު ފޯރުވުމަށް ޖާގަނުދިނުމަށް ވެރިކަމުގައި ހުރި ދުވަސްވަރު ގިނަ މަސައްކަތްތަކެއް ކުރެވުނު ކަން ވެސް ފާހަގަކޮށްލަން” ރައީސް ވިދާޅުވިއެވެ.