English Edition
Dhivehi Edition

ޕީޕީއެމްގެ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމަކީ މިހާރު އެ ޕާޓީގެ މެމްބަރެއް ނޫންކަމަށާއި ޝަރުއީ ހަމަތަކުގެ މަތިން ބަލާއިރު މައުމޫނާ ޕީޕީއެމް ހަވާލުކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށް އެ ޕާޓީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

“އޮޅުވާލި ވޯޓު” ނަމުގައި ޗެނަލް 13 އިން ގެނެސްދިން ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމްގެ މިލްކުވެރިކަން ކުރީގެ ރައީސް މައުމޫނާ ހަވާލު ކުރެއްވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ސަބަބަކީ ޕީޕީއެމްގެ މެމްބަރަކަށް މައުމޫން ނުވާތީ ކަމަށް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވި ގޮތުގައި، ޕީޕީއެމްގެ އަސާސީ ގަވައިދުގައި އެ ޕާޓީގެ ރައީސަކަށް ވާން ޖެހޭނީ ޕީޕީއެމްގެ އާންމު މެމްބަރަކަށެވެ. އަދި މައުމޫން ވަނީ ޕީޕީއެމްގެ އަސާސީ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ޕީޕީއެމުން ވަކި ކުރެވިފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޕީޕީއެމްގެ ބާރުތައް މައުމޫނާ ހަވާލު ކުރުމަށް އެދި ޕާޓީގެ އާންމު މެންބަރަކު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތް މިދިޔަ އާދިއްތަ ދުވަހު އެ ކޯޓުގައި ވަނީ ފަށައިފަ އެވެ.

ގދ. ތިނަދޫ ބީޗް ރެސްޓް އަހުމަދު ރަޝީދު ޕީޕީއެމާ ދެކޮޅަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ޕީޕީއެމްގައި މިހާރު އޮތް ލީޑާޝިޕް ސައްހަ ނޫން ކަމަށެވެ. އަދި ޕީޕީއެމުން ދާދި ފަހުން ބޭއްވި ކޮންގްރެސް ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމާ ގުޅިގެން، ހުށަހެޅީ ކުރީގައި އޮތް ގޮތަށް މައުމޫނާ ލީޑަޝިޕް ހަވާލު ކުރުމަށެވެ.