English Edition
Dhivehi Edition
ރައީސް މުއިއްޒު ފޮޓޯ: ރައީސް އޮފީސް

މި ސަރުކާރުން ކުރަން ބޭނުންވާ ކަންކަމުގެ ފުރިހަމަ ނަތީޖާ ނުކުންނާނީ ސަރުކާރަށް އެއްބާރުލުން ދިނުމުގެ ވިސްނުމުގައި ތިބި މެންބަރުން ހޮވައިގެންކަމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ފޮނަދޫ ދާއިރާގެ ކެންޑިޑޭޓު އަބްދުއްރަހީމް އަބްދުﷲ އަދި ފެލިދޫ ދާއިރާއަށް ވާދަކުރައްވާ އާދަމް ޒާހިރުގެ ކެމްޕެއިން ޖަގަހަ ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ގައުމުގެ މިސްރާބު ގެއްލިފައިވަނިކޮށް، މި ގައުމު އަނބުރާ ރަނގަޅުކުރުމުގެ ފުރަތަމަ މަރުހަލާ ނިމިއްޖެ ކަމަށެވެ. މި ގޮތުން މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގައި ގައުމީ ރޫހުގައި ކުރި މަސައްކަތުގެ ނަތީޖާ ވަރަށް ރަނގަޅު ކަމަށާއި އެކަން ފުރިހަމަކުރުމުގެ ދެ ވަނަ މަރުހަލާއަކީ، މި މަހުގެ 21 ވަނަ ދުވަހު ބާއްވާ މަޖިލިސް އިންތިހާބުކަމުގައި ރައީސް ވިދާޅުވިއެވެ.

“އަޅުގަނޑުމެންނަށް މި ކަންކަމުގައި އެއްބާރުލުން ނުދޭނެ މެމްބަރުން ހޮވައިގެން ރައްޔިތުންގެ އުއްމީދުތައް ހާސިލްނުވެ، ބުރެކި ޖެހި، މަޑުޖެހޭ ގޮތް ވާން ފުރުސަތު ދެއްވާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން” ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ތަރައްގީ ހާސިލްކުރަން ބުރަ މަސައްކަތްކޮށް އޭގެ ނަތީޖާ ފެންނަން ފަށާފައިވާއިރު، ފުދުންތެރިކަން އިތުރުވެ އިގުތިސޯދު ވަރުގަދަވާން ބޭނުންވާ ކަމަށެވެ. އެހެންކަމުން މަޖިލިސް އިންތިހާބަށް ބާކީ މި އޮތް ކުޑަ ދުވަސްކޮޅުގެ ތެރޭގައި ޕީއެންސީގެ ކެންޑިޑޭޓުން ވަރުގަދަ މަސައްކަތްކޮށް ކެމްޕެއިން އިތުރު ހަރުފަތަކަށް ގެންދިއުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.