English Edition
Dhivehi Edition

ޑޮކްޓަރ އޮފް ފިލޯސޮފީ (ޕީ.އެޗް.ޑީ) އިން އެޕްލައިޑް ލިންގުއިސްޓިކްސް (ދިވެހިބަސް) ހެދުމުގެ ފުރުސަތު ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ހުޅުވާލައިފިއެވެ.

މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމް.އެންޔޫ) އިން ބުނީ އެޕްލައިޑް ލިންގުއިސްޓިކް ނުވަތަ ދިވެހި ބަހުން ޕީއެޗްޑީ ހެދުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާ ކަމަށާއި، މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް މި ކޯހަށް ކުރިމަތިލެވޭނެކަމަށެވެ. ، މި ގޮތުން ކޯހުގައި ބައިވެރިވުމަށްޓަކައި ހުށަހަޅަން ޖެހޭ ފޯމުގެ އިތުރުން ސްޓޭޓްމެންޓް އޮފް އިންޓެންޓް ނުވަތަ ޕްރޮޕޯޒަލެއް ހުށަހަޅަން ޖެހޭނެކަމަށް އެމްއެންޔޫއިން ބުނެއެވެ.

އެމްއެންޔޫ އިން ކުރި އިއުލާނެއްގައި ބުނީ، ދިވެހި ބަހުން ޕީއެޗްޑީ ހެދުމަށް އެދި އެޕްލިކޭޝަން ފޯމާއި ސްޓޭޓްމަންޓް އޮފް އިންޓެންޓް ނުވަތަ ޕްރޮޕޯޒަލް ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ މިމަހުގެ 31 ވާ ބުދަ ދުވަހުގެ 13:00 ކަމަށެވެ.

އެޕްލައިޑް ލިންގުއިސްޓިކް ނުވަތަ ދިވެހި ބަހުގެ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރުމަށްޓަކައި އިޚްތިޔާރީ 7 ބައެއް އެމްއެންޔޫއިން ހުށަހަޅާފައިވެއެވެ. އެއީ މާދަރީ ބަސް އަށަގަތުމާއި ކުއްޖާގެ ކިބައިގައި ތަރައްޤީވާގޮތް، ދެވަނަ ބަހެއް ދަސްކުރުމާއި ތަރައްޤީވުން، ދެބަސް ނުވަތަ ގިނަ ބަސް ބޭނުންކުރާ މުޖުތަމަޢެއްގައި ބަސް ބޭނުންކުރާގޮތް، ބަހުގެ ސިޔާސަތުތައް ރާވައި ހިންގުން، ބަހުގެ ފެންވަރު ބެލުން، ދިވެހިބަހުގެ ސްޓްރަކްޗަރ އަދި ލިޔުންތެރިކަމާއި ވާހަކަދެއްކުމާއި މަލްޓިމޯޑަލް ޓެކްސްޓްސް އެނަލައިޒްކުރުމެވެ.

ފެކަލްޓީ އޮފް އާޓްސް އިން ފެށުމަށް ހަމަޖައްސާފައިވާ އެކޯހަށް އެދި ހުށަހަޅާ ފަރާތްތަކަކީ އެޕްލައިޑް ލިންގުއިސްޓިކްސް ނުވަތަ ގުޅުންހުރި ދާއިރާއަކުން އެމް.ކިއު.އޭ ޤަބޫލުކުރާ ލެވެލް 9 ގެ ސަނަދަކާއި ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވާ ފަރާތަކަށް ވާންޖެހެއެވެ. ނުވަތަ އެޕްލައިޑް ލިންގުއިސްޓިކްސްގެ ދާއިރާއިން އެމް.ކިއު.އޭ ޤަބޫލުކުރާ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށް އެންމެ މަތީ ދަރަޖައިގައި ފާސްވެފައިވުން. (Bachelor’s Degree with first class Honours) އަދި ދިރާސީ މަސައްކަތްތަކެއް ކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާންޖެހެއެވެ.

ޕީ.އެޗް.ޑީ ހާސިލުކުރަން ބޭނުންވާ ދާއިރާގެ ޕްރޮޕޯޒަލެއް ތައްޔާރުކޮށް އެޕްލިކޭޝަން ފޯމާއެކު ހުށަހެޅުންޖެހޭއިރު ޑިގްރީ ނުވަތަ މާސްޓަރސް ހާސިލުކުރަމުގެ ތެރޭގައި 1 އަހަރު ދުވަހުގެ ދިރާސީ މަސައްކަތެއް ފުރިހަމަކޮށްފައިވާ ފަރާތްތަކަށްށާއި ދިވެހިބަހުން ޑިގްރީ ހާސިލްކޮށްފައިވާ ފަރާތް ކޯހަށް ހޮވުމުގައި އިސްކަން ދެވޭނެކަމަށް އެމްއެންޔޫ އިން ބުނެއެވެ.

ތިން އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ އެކޯހުގެ ޖާގަ ކަނޑައަޅާނީ ކުރިމަތިލާ ކެނޑިޑޭޓުން ހުށައަޅާ ޕްރޮޕޯޒަލްތަކަށް ބެލުމަށްފަހު، ސުޕަވައިޒަރުންނާ ހަޔާ ޑިގްރީސް ކޮމެޓީއިން ނިންމާ ގޮތެއްގެ މައްޗަށްކަމަށް އެމްއެންޔޫ އިން ބުނެއެވެ. މީގެ ކުރިންވެސް ދިވެހި ބަހުގެ ޕީއެޗްޑީ ޕްރޮގުރާމް އެމްއެންޔޫގައި ކުރިޔަށްގެންދެއެވެ. އެހެންނަމަވެސް މިފަހަރުގެ ޕްރޮގުރާމުގެ ތަފާތަކީ، މިފަހަރުގެ ޕްރޮގުރާމުގައި ދަރިވަރަށް ތީސީސްއާއި އެހެނިހެން ލިޔުންތައް ދިވެހި ބަހުން ހުށައެޅުމުގެ ފުރުޞަތު ލިބުންކަމަށް އެމްއެންޔޫއިން ބުނެއެވެ.