English Edition
Dhivehi Edition

ސިޓީ ބާޒާރުގެ އެންމެ ފަހުގެ މަޢުލޫމާތާ ގުޅޭގޮތުން ސިޓީ ބާޒާރު ކޮމިޓީން މަޝްވަރާ ބައްދަލުވުމެއް ބާއްވަވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ހިތަދޫ ކެމްޕަހުގެ މެނޭޖަރ، އަލްފާޟިލް އިދުހާމް ފަހުމީ ވިދާޅުވީ މިހާރު ކުރިއަށްދަނީ ސިޓީ ބާޒާރުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކަމަށާއި، މިގޮތުން ކޮންސްޓްރަކްޝަންގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ދެވަނަ ފިޔަވަހީގެ މަސައްކަތްތައް މުޅިން ނިމޭނެ ކަމަށް ލަފާކުރެއްވޭ ކަމުގައިވެސް އަލްފާޟިލް އިދުހާމް ފަހުމީ ވިދާޅުވިއެވެ.

Advt

Advertisement

މީގެ އިތުރުން އަލްފާޟިލް އިދުހާމް ފަހުމީ ވިދާޅުވީ، ދެވަނަ ފިޔަވަހީގެ މަސައްކަތް ނިމުމުން ތިންވަނަ ފިޔަވަހި ފެށުމަށް ނިންމަވާފައިވާ ކަމަށެވެ. މިގޮތުން ތިންވަނަ ފިޔަވަހީގެ ދަށުން ޕާކުކުރާ ސަރަޙައްދަކާއި، މިހާރު ހުރި ފުރަތަމަ ފިޔަވަހީގެ ހަތް ފިހާރައެއް ބޮޑުކުރުމުގެ މަސައްކަތް ކުރެވޭނެ ކަމުގައި އަލްފާޟިލް އިދުހާމް ފަހުމީ ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން އަލްފާޟިލް އިދުހާމް ފަހުމީ ވަނީ އެ ޔުނިވަރސިޓީން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ކައުންސިލުން ދެއްވާ އެއްބާރުލެއްވުން ފާހަގަކުރައްވައި، އެކަމަށްޓަކައި ކައުންސިލަށް ޝުކުރު ދަންނަވައިފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން މޭޔަރ ވިދާޅުވީ، ސިޓީ ބާޒާރުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިމުމުން ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށާއި، ތިންވަނަ ފިޔަވަހީގެ ދަށުން ރާއްވަވާފައިވާ ކަންތައްތަކަކީވެސް ވަރަށް މުހިންމު މަސައްކަތްތަކެއް ކަމަށެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި، ސިޓީ ބުސްތާން ތަރައްޤީ ކުރުމާ ގުޅޭގޮތުންނާއި، ސިޓީ ބާޒާރުގައި ހުރި ފިހާރަތަކުގެ ތެރެއިން ޤަވާއިދުން ނުހިންގާ ފިހާރަތަކާމެދު ޢަމަލުކުރާނެ ގޮތަކާ ގުޅޭގޮތުންވެސް ބައްދަލުވުމުގެ ބައިވެރިން މަޝްވަރާކުރައްވާފައިވެއެވެ. އަދި މީގެ އިތުރުން ސިޓީ ބާޒާރުގައި މިހާރު ހުރި މައްސަލަތައް ހައްލުކޮށް ނިމެންވާއިރަށް، ދޫނުކޮށް ހުރި ފިހާރަތަކަށް އަލުން އިޢުލާންކުރުމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވެއެވެ.

ސިޓީ ބާޒާރަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީ.އެސް.އާރު)ގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

1 ކޮމެންޓް
ޞިއްދީޤް
މާޗް 25, 2021
މިސްކިތަކަށް ބަޖެޓެއް ނެތް. ކުލަވެސް ލާން ސިޓީ ކައުންސިލުން އެންގެވީ "އަނބިދަރީން ލައްވައި."