English Edition
Dhivehi Edition

ރައީސް އަބްދުﷲ ޔާމިން މިދިޔަ ރިޔާސީ އިންތިހާބު ބާތިލްކޮށްދޭން އެދި ސުޕްރީމް ކޯޓަށް ހުށައަޅާފައިވާ މައްސަލާގައި އެމަނިކުފާނު އެދިވަޑައިގެންނެވި ހެކިންގެ ހެކިބަސް ބަލައިނުގަތުމަށް ކޯޓުން ނިންމައި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފިއެވެ.

ސުޕްރީމްކޯޓުގައި މިއަދު ހެނދުނު ކުރިއަށްދިޔަ އަޑުއެހުމުމުގައި އުއްތަމަފަނޑިޔާރު ޑރ. އަހްމަދު އަބްދުއްﷲ އެންމެފުރަތަމަ ވާހަކަ ދައްކަވަމުން އިއުލާން ކުރެއްވީ ރައީސް ޔާމީން ހުށަހެޅުއްވި ސިއްރު ހެކިންގެ ހެކިބަސްނަގަންޖެހޭ އެއްވެސް ސަބަބަބެއް އޮތްކަމަށް ފަސް ފަނޑިޔާރުންނަށް ގަބޫލްނުކުރެވޭތީ އާއި އަދި އެގޮތަށް ފަނޑިޔާރުން އިއްތިފާގު ވެފައިވާ ތީ ހެކިބަސް ނުނެގުމަށްނިންމަވައިފި ކަމަށެވެ.

ރައީސްޔާމީންގެ ފަރާތުން ހުށަހެޅުއްވި ތިންހެކިންނަކީ ލިޔެވޭ އަނގޮޓި އަދި ދެލި ފޮހެވޭ ގަލަން ބޭނުން ކުރިކަން ސާބިތު ކުރަން ހުށަހެޅި ތިން ސިއްރު ހެއްކެވެ.

މީގެ އިތުރުން މިއަދުގެ އަޑުއެހުމުގައި ވަނީ ރައީސް ޔާމީންގެ ފަރާތްޕުޅުންނާއި އިލެކްޝަންސް ކޮމިޝަން އަދި މައްސަލައަށް ތަދައްހުލް ވި، އިިދކޮޅު ކޯލިޝަންގެ ޕާޓީތަކުގެ ފަހު ބަސް ވެސް ނަގާފައެވެ.

މިއަދުގެ އަޑުއެހުމުގައި ވަކީލުންގެ ޓީމްގެ އިސް ވަކީލް ހިސާން ވިދާޅުވީ، ރައީސް ޔާމީން ހުށައަޅުއްވާފައިވާ މައްސަލައަކީ އިންތިހާބީ ޝަކުވާއާ ގުޅިގެން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމެއް ނެތި ހުށައަޅާފައިވާ މައްސަލައެއް ކަމަށެވެ. ހިސާން ވިދާޅުވީ މިމައްސަލައަކީ އެއްވެސް އަސާސެއް ނެތް ހިޔާލީ ވާހަކަތަކެއް ކަމަށާއި އަދި ރައީސް ޔާމީން މަސައްކަތްކުރައްވަނީ ދައުވާގައި ހުރި ކަންކަން ސާބިތުކޮށްދިނުމުގެ ބުރަ އެހެން ފަރާތެއްގެ މައްޗަށް އަނބުރަލަން ކަމަށެވެ. އެހެން ނަމަވެސް ކަމެއްގެ ތުހްމަތު ކުރާ ނަމަ އެކަން އެހެން ހިނގާފައިވާ ނަމަ ސާބިތުކުރަން ހެކި ހުށައެޅުމާ އެކަން ސާބިތުކޮށްދިނުމަކީ ދައުވާކުރާ ފަރާތުގެ ޒިންމާއެއް ކަމަށް ހިސާން ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ހިސާން ވިދާޅުވީ މިމައްސަލައަކީ ރައީސް ޔާމީން އިންތިހާބުން ބަލިވުމާއި ގުޅިގެން ލިބިވަޑައިގެންނެވި ހިތްދަތި ކަމާ ހެދި ހުށައަޅައިގެން އުޅޭ މައްސަލައަކަށްވާތީ އިންތިހާބީ ރަޢީސް އިބްރަހިމް މުހައްމަދު ސޯލިހް (އިބޫ) ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ތައްޔާރުވާންޖެހޭތީ އަވަސްމުއްދަތެއްގައި ކޯޓުން މިމައްސަލަ ނިންމާލަ ދެއްވުމަށެވެ

މި މައްސަލައިގެ އަޑުއެހުން މިއަދު ނިންމާލައިފައި ވީނަމަވެސް ހުކުމް ކުރާނެ ވަކި ވަގުތެއް ކޯޓުން އަދި ހާމަކޮށްފައި ނުވެއެވެ.