ރިޔާސީ އިންތިޚާބު ބާތިލް ކުރަން ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ތިން ވަނަ އަޑުއެހުން މިއަދު 10:30 ގައި ފަށައިފިއެވެ.
.މިއަދުގެ ޝަރީއަތުގެ އަޑުއެހުމަށް ވަނީ 43 މީހަކު ވައްދާފައެވެ. އޭގެ ތެރޭގައި އާންމުންނާއި މީޑިއާގެ އިތުރުން ސަރުކާރާއި އިދިކޮޅު ކޯލިޝަންގެ ބައެއް އިސްވެރިން ހިމެނެއެވެ،.
މިއަދު ގެ އަޑުއެހުމުގައި ސިއްރު ހެކިވެރިންނާއި މެދު ގޮތެއް ނިންމާނެ ކަމަށް އިއްޔެ އުއްތަމަ ފަނޑިޔާރު ވަނީ ވިދާޅުވެފައެވެ. އޭގެ އިތުރުން މިއަދު އޮންނަ އަޑުއެހުމަކީ މިމައްސަލައިގެ އެންމެ ފަހު އަޑުއެހުން ކަމަށް ވެސް އިއްޔެ އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވެއެވެ.
ޝަރީޢަތް މިހާ ހިސާބަށް ދިޔައިރު ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅާފައި ވަނީ މައިގަނޑު ދެކަމެކެވެ. އޭގެ ތެރެއިން އެއް ކަމަކީ ލިބިފައި ހުރި ޝަކުވާތައް އިތުރަށް ތަޙްޤީޤު ކުރުމަށް ސަލާމަތީ ބާރުތަކުގެ މައްޗަށް އަމުރު ކޮށްދިނުމެވެ. އަދި ސަލާމަތީ ބާރުތަކުގެ ތަޙްޤީޤަށް ރިޢާއަތްކޮށް މައްސަލަ ނިންމައިދިނުމެ ވެ. ދެވަނަ ކަމަކީ ސިއްރު ހެކިންގެ ގޮތުގައި ރައީސް ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ފަރާތްތަކަށް ސިއްރުން ހެކިބަސް ދިނުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.
ރައީސް ޔާމީންގެ ފަރާތްޕުޅުން ސިއްރު ތިން ހެކިވެރިއަކު ހުށަހެޅީ ފާހަގަ ޖެހޭ އަނގޮޓިތަކެއް ރާއްޖެ ގެނައީ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އަންގަވައިގެން ކަން ސާބިތު ކުރުމަށެވެ.
އެ ހެކިވެރިންގެ ނަންތައް ވަނީ ސިއްރު ކޮށްފަ އެވެ. އެކަމަކު، އެ މީހުން ދީފައިވާ ބަޔާންތަކެއް އިއްޔެގެ އަޑުއެހުމުގައި ވަނީ ހުށަހަޅައި، މައްސަލައިގައި ހިމެނޭ ފަރާތްތަކާ ހިއްސާކޮށްފަ އެވެ. އެ ބަޔާންތައް ދިނީ އެ މީހުންނަކީ ކޮން ބައެއް ކަން އެނގޭ ގޮތަށް ހުރި މައުލޫމާތުތައް އުނި ކުރުމަށް ފަހު އެވެ.
އިންތިޚާބު ބާތިލް ކޮށްދިނުމަށް އެދިވަޑައިގެން ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ ފަހު އަޑުއެހުން މިއަދު ބާއްވަން ނިންމާފައިވީ ނަމަވެސް އެ މައްސަލާގައި ހުކުމް އިއްވާނެ އިރެއް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އިއްޔެގެ ޝަރީއަތުގެ އަޑުއެހުމުގައި އިއުލާނެއް ނުކުރައްވައެވެ. އެކަމަކު، ބެލެވޭ ގޮތުގައި މިއަދުގެ އަޑުއެހުމަށް ފަހު، ހުކުމް އިއްވާނެ ދުވަހެއް އުއްތަމަ ފަނޑިޔާރު އިއުލާން ކުރައްވާނެއެވ..