ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ޕީޕީއެމް ހަވާލުކުރުމަށް އެދި ޕީޕީއެމްގެ އާންމު މެންބަރަކު ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.
މިމައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ ގދ. ތިނަދޫ ބީޗްރެސްޓް އަހްމަދު ރަޝީދު އެެވެ.
މިމައްސަލައިގެ ޝަރީއަތް އިއްޔެ ފަށާފައިވާއިރު އަހްމަދު ރަޝީދުގެ ގާނޫނީ ވަކީލެއްގެ ގޮތުގައި މިމައްސަލާގައި ވަކާލާތުކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރު އެވެ.
ނާޒިމް އަބްދުއްސައްތާރު ވިދާޅުވީ އޭނާގެ މުވައްކިލު ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައިވާނީ ޕީޕީއެމްގެ މި ވަގުތުގެ ލީޑާޝިޕް ސައްހަ ނޫން ކަމަށެވެ.މީގެ ކުރިން 2016 ވަނަ އަހަރު، ހާލަތުއްޒަރޫރާގެ ދަށުން ކޯޓުން ޕާޓީގެ ލީޑަޝިޕް ރައީސް ޔާމީނާ ހަވާލު ކުރި ނަމަވެސް، މިހާރުގެ އެކަމުގެ ސަބަބުން ގެއްލުންތަކެއް ވަމުންދާ ކަމަށް މުވައްކިލު ގަބޫލު ކުރާ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
މިމައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ ޕީޕީއެމްގެ މިހާރުގެ ލީޑަޝިޕުން އެޕާޓީއާ މެދު އަމަލުކުރަމުންދާ ގޮތުން ޕާޓީއަށް ގެއްލުންވަމުންދާތީއާއި ޕީޕީއެމުން މިދިޔަ މަހުގެ ތެރޭގައި ބޭއްވި ކޮންގްރެސް އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފައި ނުވާތީ އެކަންކަމަށް ރިއާޔަތްކޮށް ރައީސް މައުމޫނަށް ޕީޕީއެމް ހަވާލުކުރުމަށް ކޯޓުން ހުކުމެއް ކޮށްދިނުމަށް އެދި އެވެ.
މިމައްސަލާގައި ކޯޓުން ގޮތެއް ނިންމަންދެން ރައީސް މައުމޫނަށް ޕީޕީއެމް ހަވާލުކުރުމަށް އަމުރެއް ނެރެދިނުމަށްވެސް ކޯޓުގައި އެދިފައިވެ އެެވެ.
ސިވިލް ކޯޓުން 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހު ކުރި އަމުރެއްގައި ބުނެފައިވަނީ އެ އަމުރު ނެރުނު ވަގުތުން ފެށިގެން ކުރިއަށް ހިނގާ 24 ގަޑިއިރުގެ ތެރޭގައި ޕާޓީގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ރިޔާސަތުގައި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށްފަހު ޕީޕީއެމް ކުރިއަށް ގެންދިއުމާ ގުޅޭގޮތުން ކައުންސިލުން ގޮތްތަކެއް ނިންމުމަށެވެ. މިއަމުރާ ގުޅިގެން ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށްފަހު އެ ދުވަހުން ފެށިގެން ޕީޕީއެމްގެ ހިންގުން ރައީސް ޔާމީނާ ހަވާލުކުރަން ޕީޕީއެމްގެ ކައުންސިލުން ވަނީ ނިންމާފަ އެވެ.
ސިވިލް ކޯޓުން މިއަމުރު ނެރުނުއިރު ޕީޕީއެމްގެ ރައީސްގެ ގޮތުގައި ރައީސް މައުމޫން ހުންނެވި ނަމަވެސް ސިވިލް ކޯޓުގެ އަމުރުގައި ބުނެފައިވަނީ ޕީޕީއެމްއަށް އޭރު ކުރިމަތިވެފައިވަނީ ރައީސް އެއް ނެތް ފަަދަ ހާލަތެއް ކަމަށެވެ. އެހެންކަމުން ޕީޕީއެމް ހިންގަނީ އެ ޕާޓީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންކަން ޔަގީންކުރުމަށްޓަކައި ޕީޕީއެމްގެ ހުރިހާ ޒިންމާއެއް އުފުލަން ޖެހޭ ފަރާތަކީ ޕާޓީގެ މުސްތަޝާރު އަބްދުﷲ ޔާމީން ކަމަށްވެސް އަމުރުގައިވެ އެވެ. ނަމަވެސް ޕީޕީއެމްގެ އަސާސީ ގަވައިދު ބުނާ ގޮތުން މުސްތަޝާރަކީ ޕާޓީ ހިންގުމުގައި އެއްވެސް ދައުރެއް އޮންނަ މީހެއް ނޫން ކަމަށް ވިދާޅުވެ ރައީސް މައުމޫން ވަނީ ސިވިލް ކޯޓުގެ އަމުރާ ދެކޮޅަށް މީގެކުރިން ވާހަކަވެސް ދައްކަވާފަ އެވެ.