ކޯޓުތަކަކީ ރާއްޖޭގެ ރައްޔިތުން ލާ ވޯޓުތަކާ ބެހޭ މުއައްސަސާއެއް ނޫންކަމަށާއި އެކަމާގުޅިގެން ކޯޓަށް ވަޑައިގެން ވާނީ ކޯޓު ކަމަށް ރައްޔިތުންގެ މަޖިލިހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެއެވެ.
ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މެމްބަރު އިމްތިޔާޒް ވިދާޅުވީ އިންތިޚާބުގެ މައްސަލަ ހިފައިގެން ކޯޓަށް ދާންޖެހޭ އެއްވެސް އަސާސެއް ނެތް ކަމަށާއި މިގޮތަށް އުޅުއްވުމުން ރައްޔިތުން ކުރިމަތީ ރައީސް ޔާމީނުގެ އަގު އިތުރަށް ވެއްޓުން ނޫން ކަމެއް ނުވާނެ ކަމަށެވެ.
“ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ގެއްލުމުން ވެސް، އަދި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން އަމުރެއް ނެރުމުން ވެސް ރައީސް ޔާމީން ވިދާޅުވެފައިވަނީ ވެރިކަން ވައްޓާލަން އުޅެނީ ކަމަށް. މިހާރު ރައްޔިތުން ވޯޓުލުމުން ވެސް ވިދާޅުވަނީ ހަމަ އެހެން ” އިމްތިޔާޒް ވިދާޅުވިއެވެ.
ޕްރޮގްރާމުގައި އިމްތިޔާޒު ވިދާޅުވީ ރައީސް ޔާމީނަކީ ރާއްޖޭގެ ވެރިކަމަށް އެކަށީގެންވާ ބޭފުޅެއް ނޫން ކަމަށް ރައްޔިތުން ވަނީ ނިންމާފައި ކަމަށާއި ރައީސް ޔާމީނާއި އެމަނިކުފާނުގެ ސަރުކާރުން ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރަންޖެހޭ ކަމަށެވެ. ރައީސް ޔާމީން މަސައްކަތް ކުރައްވަނީ ގައުމުގެ ހަމަޖެހުން ނަގާލުމަށް ކަމަށާއި ވޯޓަކުން ވިޔަސް އެނޫންގޮތަކުން ވިޔަސް ރައްޔިތުންގެ އިތުބާރުނެތް ކަމަށް ނިންމުމުން ނުފައިބަން އުޅުމަކީ ޚުދުމުޚުތާރު ވެރިންގެ ސިފައެއް ކަމަށެވެ.