English Edition
Dhivehi Edition
ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމުގައި ޑރ.ޖަމީލް ބައިވެރިވެވަޑައިގަންނަވަނީ --

ރައީސް ޔާމީންގެ ސަރުކާރުގައި ދެވަނަ އަށް ނައިބްރައީސް ކަން ކުރެއްވެވި އަހުމަދު އަދީބު ދޫނިދޫއަށް ގެންދިޔައީ ޑރ ޖަމީލް ވެސް ދޫނިދޫއަށް ގެންދިއުމަށް ރާވާފައި އޮތް ގޮތަށް ކަމަށް އެ ސަރުކާރުގެ ފުރަތަމަ ނައިބް ރައީސް ޑރ މުޙައްމަދު ޖަމީލް ވިދާޅުވެއްޖެއެވެ.

ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމުގައި ރޭ ވާހަކަ ދައްކަވަމުން ޑރ ޖަމީލް ވިދާޅުވީ އެބޭފުޅާ ދޫނިދޫއަށް ފޮނުވާލެއްވުމަށް އޭރު ރައީސް ޔާމީނަށް އެކަން ރާވައިދެއްވުމުގައި އުޅުއްވީވެސް އަދީބު ކަމަށާއި އެއީ ކިހާވަރެއްގެ ކަމެއްކަން އަދީބަށް ވެސް ވިސްނިވަޑައިނުގެން ކުރެއްވި ކަމެއް ކަމަށެވެ.

ރައީސް ޔާމީންގެ ފުރަތަމަ ނާއިބު ޑރ.ޖަމީލް ވިދާޅުވީ އެމަނިކުފާނު މަގާމުން އަޒުލުކުރެވުނު ކަމަށް މިއަދުވެސް ގަބޫލުފުޅު ނުކުރައްވާ ކަަމަށާއި ބަޔަކު ހިތްހަމަނުޖެހުމުން މަގާމުން ވަކިނުކުރެވޭނެ ކަމަށެވެ. މިނިވަން އިންސާފުވެރި ތަހުގީގެއް ނުކުރާ ކަަމަށާއި މިނިވަން އިންސާފުވެރި މިންގަނޑަކުން ބަލާއިރު އެމަނިކުފާނު އަޒުލުކުރެވުނު ކަމަށް ބެލޭނެ އެއްވެސް ހަމައެއް ނެތް ކަމަށެވެ. ގާނޫނުއަސާސީއާއި ގާނޫނީ ހަމަތަކުން ބޭރުން އެމަނިކުފާނު މަގާމުން ދުރުކޮށް އަމިއްލަ ގައުމުގައި އުޅުއްވުމުގެ ފުރުސަތުން ވެސް މަހުރޫމްކުރީކަން ޖަމީލް ވަނީ ފާހަގަކުރައްވަވާފައެވެ.

ރައީސް ޔާމީން ވެރިކަމަށް ގެންނެވުމަށްޓަކައި 2013 ވަނަ އަހަރު ކެމްޕެއިންގައި ނިކުމެވަޑައިގެން ބުރަކޮށް މަސައްކަތް ކުރެއްވެވީ ވަރަށް ފޮނި އުއްމީދެއްގައި ކަމަށާއި އެ ކަންކަން ހާސިލްކުރުމުގައި އެބޭފުޅާގެ މިންވަރުން އެއްވެސް ހިއްސާއެއް ދެވޭ ކަމުގައިވާނަމަ އެއީ އުފަލެއް ކަމުގައި ދެކިގެންކަމަށް ރާއްޖޭގެ ރައްޔިތުން ހެކިވާނެ ކަމުގައި ޖަމީލު ވިދާޅުވިއެވެ.

“ރާއްޖޭގެ އުތުރުން ފެށިގެން ދެކުނުގެ ރަށްތަަކަށް އަޅުގަނޑުގޮސް ރައްޔިތުންނަށް އަހުދުވިން އެބޭފުޅުންގެ ހުރި ތަކުލީފުތައް އަޅުގަނޑަށް އިހުސާސްވާ ކަމަށް. އެވާހަކަތަކުގެ ހިއްސާދާރަކަށް ވުމުގެ އުފާ އަޅުގަނޑަށް ލިބޭ. އެއީ އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑަށް ލިބުނު ފުރުސަތެއް. އެކަމަށްޓަކައި އަޅުގަނޑު ފަޚުރުވެރިވަން. އަދި އަޅުގަނޑު ވަރަށް ބޮޑަށް ރާއްޖޭގެ ރައްޔިތުންނަށް ޝުކުރުވެރިވަން. މިއަދުވެސް އަޅުގަނޑަށް، އަޅުގަނޑުމެންނަށް ވޯޓުދިން ކޮންމެ ރައްޔިތަކަށް އަޅުގަނޑު ޝުކުރު އަދާކުރަން. އެރައްޔިތުންނަށް އަބަދުވެސް އަޅުގަނޑު ދަރަނިވެރިވާނެ” ޑރ.ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ ރައީސް ޔާމީނަށް ރައްޔިތުން ވޯޓުދިނީ އެމަނިކުފާނާއި ރައީސް މައުމޫނާއި އަދި އަރިހުގައި ތިއްބެވި ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑު އިތުބާރެއް ކޮށްފައި ކަމަށާއި މުސްތަގުބަލުގައި ކަންތައްވާނެ ގޮތް އެއްވެސް މީހަކަށް ނޭގޭނެ ކަަމަށެވެ.

“ރާއްޖޭގެ ރައްޔިތުން މިއަދު ވިސްނާލަންޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި . ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ވެސް ކަންކަން އެނބުރިގެންދިޔަ ގޮތަކީ މަޖިލީހުގެ މެމްބަރުންވެސް އެކަމާ ފުންކޮށް ވިސްނައި އަމިއްލަ ނަފުސާ ސުވާލުކުރަން ޖެހޭ ކަންކަން . ސަރުކާރުން ހިންގި ޖަރީމާތައް ހިންގާފައި އޮތީ މަޖިލީހުގެ ވަރަށް ގިނަ މެމްބަރުންވެސް ވާގިވެރިވެގެން . އޭގެ ފަހުން އޭގެ ތެރެއިން ބައެއް ބޭފުޅުންނަށް ވެސް ވަރަށް ގިނަ އަނިޔާތަކެއް ލިބިއްޖެ .” ޖަމީލް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ސަރުކާރަށް ވެރިކަން ހޯއްދަވައިދެއްވުމަށް ބުރަކޮށް ޑރ ޖަމީލް މަސައްކަތް ކުރެއްވެވި ނަމަވެސް ވެރިކަމަށް ވަޑައިގެން ދޮޅުއަހަރު ވީތަނާ ޑރ.ޖަމީލް ނާއިބުރައީސްގެ މަގާމުން ވަނީ ދުރުކޮށްފައެވެ. އެތައް ތުހުމަތެއް އެމަނިކުފާނުގެ މައްޗަށް ކޮށް، ރައްޔިތުންގެ މަޖިލީހުގައި އޮތް ސަރުކާރުގެ އަޣުލަބިއްޔަތުގެ ބޭނުންކޮށް އިތުބާރުނެތްކަމުގެ ވޯޓުނަގައި މަގާމުން ދުރުކުރެވުނީ ގާނޫނުއަސާސީއާއި ގާނޫނުތަކާ ކަނޑައެޅިގެން ކަމަށް ޖަމީލް ވިދާޅުވިއެވެ.