English Edition
Dhivehi Edition
ރައީސް ޔާމީންގެ ޑީއެންއޭ އނގޭ މީހުން ކޯލިޝަނުގައި މަދެއް ނުވާނެ ކަމަށާއި މި އިންތިޚާބުގެ ކަންކަން ނިމޭނީ ސްޕްރީމް ކޯޓަށް ގޮސްގެންކަން މާކުރިންވެސް އެނގޭކަމަށް ޖުމުހޫރީ ޕާޓީގެ ރައީސް އަލީ ވަޙީދު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިގިލީ ދައިރާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އދ. ދިގުރަށަށް ވަޑައިގެން އެރަށު ރައްޔިތުންނާ މުޚާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ އިންތިޚާބުގެ 6 މަސް ކުރިން ވެސް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ވަނީ މިއިންތިޚާބުގެ ކަންކަން ނިމޭނީ ސުޕްރީމް ކޯޓަށްވެސް ގޮސްގެން ކަމަށާއި ވޯޓަކުން މިކަން އަދި ނުނިމޭނެ ކަމަށް ވިދާޅުވެފައި ކަމަށެވެ.

“ރިޔާސީ އިންތިޚާބުގެ ނަތީޖާގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާތީ ރައްޔިތުންގެ ކަންބޮޑުވުން އެބަހުރި މިހިސާބަށް ދާނެކަން ކޯލިޝަންގެ އިސްވެރިންނަށް މާކުރިންވެސް އެނގޭ . ރައީސް ޔާމީންގެ ޑީއެންއޭ އެނގޭ މީހުން ކޯލިޝަނުގައި މަދެއް ނޫން” އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ ސިޔާސީ ގޮތުން ސޯޝަލް މީޑިއާގައި މީހުން ދައްކާ ވާހަކަތަކަށްވުރެ ޖަޒީރާ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންގެ ވިސްނުން ތޫނުކަމަށެވެ. އެމީހުން އަމިއްލައަށް އެކަންކަން ހައްލުކުރާ ކަަމަށާއި އެއީ ވަރަށް އުފާކުރައްވާ ކަމެއް ކަމަށެވެ.
“ރައީސް ޔާމީނު ކޮންމެ ކަމެއް ކުރެއްވިޔަސް އަދި ނާށިގަނޑު ހިފައިގެން މަގުމަތީގައި ތިބެން ޖެހުނަސް ޔާމީނުގެ ފަހަތްޕުޅުން ޖުމްހޫރީ ޕާޓީ ދެނެއް ނުދާނެ . އެއީ ވާނެ ކަމެއް ނޫން. ޖުމްހޫރީ ޕާޓީ އޮންނާނީ ކޯލިޝަން ތެރޭގައި ” އޭނާ ވިދާާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ އިސްވެރިން ވިޔަސް އަދި ކައުންސިލް މެމްބަރުން ކަމުގައި ވިޔަސް ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީތަކަށް ކުޑައިމީސްބަހެއް ބުނުމަކީ އެދޭ ކަމެއް ނޫން ކަމަށާއި އެފަދަ ކަމެއް ކޮށްފިނަމަ ފިޔަވަޅުވެސް އަޅުއްވާނެ ކަމަށް އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.

އަލީ ވަހީދު ވިދާޅުވީ ހުރިހާ އެންމެންގެ އަނގައިގައި ނުވެސް ހިފެހެއްޓޭނެ ކަމަށާއި އެއީ ޑިމޮކްރަސީއެއްގައި ކުރެވޭނެ ކަމެއްވެސް ނޫން ކަަމަށެވެ. އަދި މޭވާއަޅާ ގަސްގަހަށް ގަޅި އުކާނެ ކަމަށާއި އެއީ މައްސަލައެއް ނޫން ކަމަށެވެ.