ގުޅިފައިވާ ކޯލިޝަންގެ ތެރޭގައި ބައިބައިވުން އުފައްދާ، ހަމަނުޖެހުން އުފައްދަން ސަރުކާރު ހިންގާ ފަރާތުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު މިއަދު ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޑރ. ޖަމީލަށް މަރުހަބާ ދެންނެވުމަށްފަހު މީޑިއާ އަށް ދެއްވި އިންޓަވިއުއެއްގަ އި ގާސިމް ވިދާޅުވީ ކިތަންމެ ވާހަކައެއް ދެއްކި ނަމަވެސް ކޯލިޝަން އޮންނާނީ ބަދަހިކޮށް ކަމަށެވެ. އަދި ގާނޫނު އަސާސީގެ ހަމަތަކާ އިންތަކުގައި ތިބެ، ނޮވެމްބަރު 11 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާ އިބްރާހީމް މުހައްމަދު ސޯލިހް ކުރައްވާނެ ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވެވަޑައިގެންފައިވާ އިބްރާހީމް މުހައްމަދު ސޯލިހްގެ ޒައާމަތުގައި ދިވެހި ރައްޔިތުން މާޔޫސްވާން ޖެހޭ އެއްވެސް ކަމެއް އެމަނިކުފާނު ނުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
އަޅުގަނޑުމެންގެ ކޯލިޝަންވެސް ދެމިގެން ދާނެ ﷲ އިރާދަކުރެއްވިއްޔާ ހަމަ ވަރުގަދަކަމާއެކުގައި ބިޔަކަމާ އެކީގައި ހަރުދަނާ” ކަމާ އެކީގައި. ރައީސް ޔާމީން ވިދާޅުވި އެއްގޮތަކަށްވެސް މި ކޯލިޝަނެއް ނޯންނާނެއޭ. މިއީ ކޮކްޓެއިލްއޭ. އެމަނިކުފާނު ދެނެވަޑައިގަންނަވާ ވަރަށް އަތްމަތީ ބަސްފުޅެއް ކަންނޭނގޭ ކޮކްޓެއިލް އަކީ. ބަލަ ކޮކްޓެއިލް ވެސް ވަރަށް މޮޅު އެއްޗަކަށް ވެސް ވެއޭ. އެހެންވީމާ އެކަން އެމަނިކުފާނަށް މިހާރުވެސް މިއޮތީ ސާބިތުވެފަ” ގާސިމް ވިދާޅުވިއެވެ
އެމަނިކުފާނު ވިދާޅުވީ ރައީސް ޔާމީނަށް އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވީ އެމަނިކުފާނުގެ ވެރިކަމުގައި ކޮރަޕްޝަނާއި ފަސާދައިގެ ތެރެއިން ދައުލަތުގެ އެތައް ފައިސާއެއް ގެއްލުވާލާ، އެތައް ބަޔަކަށް ދިން އަނިޔާ ދިވެހި ރައްޔިތުން ބަލައިނުގަތުމުން ކަމަށެވެ..