English Edition
Dhivehi Edition

ބައިނަލް އަގުވާމީ މުދައްރިސުންގެ ދުވަސް މުޅި ރާއްޖޭގައި ވެސް ކުލަގަދަކޮށްފާހަގަކޮށްފިއެވެ. އައްޑޫސިޓީގެ ސްކޫލް ތަކުން ވެސް ތަފާތު އެކިކަހަލަ ގިނަ ހަރަކާތްތަކަކާއެކު މި ދުވަސް ވަނީ ފާހަގަކޮށްފައެވެ. މުދައްރިސުންގެ ދުވަސް ފާހަގަކުރުމަށް އައްޑޫގެ ސްކޫލްތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ ހަރަކާތްތަކުން ފާހަގަކުރެވުނު އެއް ސްކޫލަކީ ފޭދޫ ސްކޫލެވެ.

ހަފްތާގެ 5 ދުވަހަށް ބަހާލައިގެން ކުރިއަށް ގެންދިޔަ ތަފާތު ޕްރޮގްރާމުތައް އެސްކޫލުގައި ނިންމާލީ ބުރާސްފަތި ދުވަހު، އިންޑިއަން ތީމަކުންނެވެ. ބުރާސްފަތިދުވަހު މުދައްރިސުން ސްކޫލަށް ހާޒިރުވުމުން ދުވަސް ފަށާފައިވަނީ މުދައްރިސުންނަށް ހޫނު މަރުހަބާއެއް ކިޔަމުންނެވެ. އޭގެ ފަހުގައި ހަދިޔާ ބަދަލުކުރުމުގެ ހަރަކާތަކަށް ފަހު މުދައްރިސުންނަށް ތައްޔާރުކުރި ހެނދުނުގެ ޚާއްޞަ ސައި އޮތީ އައްޑޫ ނޭޗަރ ޕާކުގައެވެ. ބުރާސްފަތި ދުވަހުގެ ހަރަކާތްތައް ނިންމާލާފައިވަނީ މުދަައްރިސުންގެ މެދުގައި ބޭއްވި ކެއްކުމުގެ މުބާރާތަކާއެކުގައެވެ.

ފޭދޫ ސްކޫލުގެ ޕީޓީއޭ ގެ ފަރާތުން މުދައްރިސުންނަށް ޚާއްޞަކުރި ޑިނަރ ނައިޓް ބާއްވާފައިވަނީ ރޭ ކެނެރީފް ރިސޯޓުގައެވެ. މި ހަފްލާގައި ސްކޫލުން މުދައްރިސުންގެ އަގު ވަޒަންކޮށް ދޭ ހަނދާނީ ފިލައާއި އިނާމު ވެސް މުދައްރިސުންނަށް ހަވާލުކޮށްފައެވެ.

ބައިނަލް އަގުވާމީ މުދައްރިސުން ގެ ދުވަހަކީ އޮކްޓޯބަރ މަހުގެ 5 ވަނަ ދުވަހެވެ. މިދުވަސް ހަފްތާގެ ބަންދު ދުވަހަކަށް އަންނާތީ ގިނަ ސްކޫލްތަކުން ވަނީ ބުރާސްފަތި ދުވަހާ ހަމައަށް ދުވަހުގެ ހަރަކާތްތައް ނިންމާލާފައެވެ.