ރިޔާސީ އިންތިހާބުގައި ދިވެހި ރައްޔިތުން ގޮތެއް ނިންމައިފި ކަމަށާއި އެގޮތާއި ދިމާ އިދިކޮޅަށް ބަޑިބަޑި ޖެހުމުން ދެން ދާނީ ހުޅުނބު ކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް ނުސީދާކޮށް ފާޑު ވިދާޅުވެއްޖެ އެވެ.
އަހަރަކަށްވުރެ ގިނަ ދުވަހު ރާއްޖެއިން ބޭރުގައި އުޅުއްވުމަށްފަހު ރާއްޖެ ވަޑައިގެން ޖުމްހޫރީ ޕާޓީގެ މައި ޖަގަހައިގައި ސަޕޯޓަރުންނާ މުހާތަބުކޮށް ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ އޮއިވަރާއި ރާގާއި މޫސުން މިހާރު ބަދަލުވެފައިވާ ކަމަށެވެ. އެ ބަދަލު ގެނައީ ވިސްނުންތެރި ދިވެހި ރައްޔިތުން ކަމަށެވެ.
“މާތްﷲ އިރާދަކުރެއްވިއްޔާ ދިވެހިރާއްޖޭގެ ރައްޔިތުން މިވަނީ އޮއިވަރު ބަދަލުވެ މަންޒަރު ބަދަލުވެ އަދި ވައިވެސް ބަދަލުވެ މޫސުން ވެސް ބަދަލުވެ މިއޮތީ. އެކަން އެކުރީ ކޮން ބައެއްތޯ؟ ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން އިނގޭތޯ. ވިސްނުންތެރި ރައްޔިތުން. ފަހު ބަސް ރައްޔިތުން ބުނީމާ، އިއްވީމާ، އެވާހަކަ ސާފުކޮށް ދެއްކީމާ ދެން އޭގެ ފަހަތުން ބަޑިބަޑި ޖަހާފައި އުޅުނަކަސް ދެން މާބޮޑު ކަމެއް ނުކުރެވޭނެ. ތެޅުނު ވަރަކަށް ދާނީ ހުޅުނބު. ހުޅުނބު ދަމުންގޮސް ހުސްވާނީ އިނގޭތޯ.” ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބީއާ ގުޅުވައިގެން ގާސިމް އިބްރާހީމް ވިދާޅުވި އެވެ.
ގާސިމް ވަނީ އެއްވެސް ރައްޔިތަކު މާޔޫސް ނުވުމަށް ގޮވާލައްވާފަ އެވެ. އަދި ގާނޫނީ އިމުގެ ތެރެއިން ރައްޔިތުން ދެން ވެސް ދާނީ ކުރިއަށް ކަމަށާއި ކަމެއް އިސްލާހުކުރަން ނުކުމެ ތިބި މީހުން ތިބެންޖެހޭނީ ގާނޫނީ އިމުގެ ތެރޭގައިކަން އޭނާ ފާހަގަކުރެއްވި އެވެ.
ދައުލަތުން އެމަނިކުފާނުގެ މައްޗަށް އުފުލި ދައުވާއާ ގުޅޭގޮތުން ގާސިމް އިބްރާހީމް ވިދާޅުވީ އެމަނިކުފާނު ރިޝްވަތު ދެއްވި ކަމަށް ބުނެ ކޮށްފައިވަނީ ހައްގު ނޫން ދައުވާއަކާއި ހައްގު ނޫން ޣައިރު ގާނޫނީ ހުކުމެއް ކަމަަށެވެ. އިސްލާމްދީނާއި ގާނޫނު އަސާސީއާއި ހިލާފު އަމަލެއް އެމަނިކުފާނު ނުކުރައްވާ ކަމަށާއި އަދި އެފަދަ ކަމެއް އެއްވެސް ރައްޔިތަކުވެސް ކުރެއްވުމަށް އެދިވަޑައިނުގަންނަވާނެ ކަމަށްވެސް ވިދާޅުވި އެވެ.