English Edition
Dhivehi Edition

ޕްރޮގްރެސިޕް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމް އަތުލުމަށް ކުރަމުން ގެންދާ މަސައްކަތްތައް ރައީސް މައުމޫނު އަބްދުލްޤައްޔޫމް ހުއްޓަވާލެއްވުމަށް ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅާފައިވާ ސަފީރު މުހައްމަދު ހުސެއިން ޝަރީފް، މުންދު ގޮވާލައްވައިފި އެވެ.

މުންދު މިހެން ވިދާޅުވީ މިރޭ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

“ޕީޕީއެމްގެ އައިޑެންޓިޓީ ނިގުޅައިގަންނަން ކުރިން ޕާޓީ އިން ވަކިވި ބޭފުޅުންކޮޅެއް މަސައްކަތް އެބަކުރައްވާ. އެއީ ޒިންމާދާރު އިދިކޮޅު ޕާޓީއެއް ރާއްޖެ އިން ނައްތާލުމަށް ކުރައްވާ މަސައްކަތްޕުޅެއް “މުންދު ވިދާޅުވިއެވެ.

މީގެ އިތުރުން ތަރިކަ މުދަލެއްގެ ގޮތުގައި ޕީޕީއެމްގެ އައިޑެންޓިޓީ އަތުލުމަށް ރައީސް މައުމޫނު ކުރައްވަމުން ގެންދަވާ މަސައްކަތްތައް ގާނޫނާއި ހިލާފުކަމަށްވެސް މުންދު ވިދާޅުވިއެވެ.

މުންދު ވިދާޅުވީ ހުޅަނގުގެ ޑިމޮކްރަސީގެ އަސާސްތަކަކަށް ވަކާލާތު ކުރާ ސަރުކާރެއް އަންނައިރު އޮޕޮޒިޝަނަށް ހުރަސް އެޅުމަކީ ޑިމޮކްރަސީ އަށް ހުރަސް އެޅުން ކަމަށް ސަރުކާރުން ވެސް ގަބޫލު ކުރައްވަން ވާނެ ކަމަށެވެ.

މިދިޔަ ހުކުރު ދުވަހު ޕީޕީއެމުން ބޭއްވި ކޮންގްރެސްގައި އެޕާޓީގެ ރައީސް ކަމަށް ރައީސް އަބްދުﷲ ޔާމީންވަނީ އިންތިހާބުކޮށްފައެވެ. އަދި ހަތަރު ނައިބު ރައީސުންނާއި ކައުންސިލްވެސްވަނީ އިންތިހާބުކޮށްފައެވެ.

މި ކޮންގްރެސްއާ ގުޅޭ ކަންބޮޑުވުންތަައް، ފާހަގަކޮށް މައުމޫން ވަނީ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފަށް ސިޓީއެއް ފޮނުއްވާފައެވެ. ސިޓީގައި މައުމޫން ވިދާޅުވީ ޕީޕީއެމުން ކޮންގްރެސް ބާއްވާފައިވަނީ ޕާޓީގެ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ ފަދަ ސަބަބެއް މެދުވެރިވެފައި ނުވާ ހާލަތެއްގައި ކަމަށެވެ. އެހެންވެ އެ ކޮންގްރެސް އަކީ އަސާސީ ގަވާއިދާއި ޕާޓީގެ އިންތިޚާބުތަކާ ބެހޭ ގަވާއިދުތަކާ ހިލާފަށް ބޭއްވި ޖަލްސާއެއް ކަމަށް މައުމޫން ވިދާޅުވި އެވެ.