English Edition
Dhivehi Edition

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފްގެ ފޯން ކޯލެއްކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އޯޑިއޯއަކީ އެކި ފޯން ކޯލްތަކުން އަޑު ނަގައިގެން ޑަބްކޮށްގެން ހަދާފައިވާ އަސްލެއްނެތް އޯޑިއޯއެއްކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފްގެ ފޯން ކޯލެއްކަމަށް ބުނެ ޕީޕީއެމްގެ ބައެއް އިސް ބޭފުޅުންވެސް ސޯޝަލް މީޑިއާގައި ދައުރު ކުރަމުންދާ އޯޑިއޯއާއި ގުޅިގެން ޝަރީފް ރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެ އޯޑިއޯއަކީ އެކި ފޯން ކޯލްތައް އެއްކޮށްގެން އެހެން މާނައެއް ނެރުމަށްޓަކައި ހަދައިގެން އުޅޭ އޯޑިއޯއެއް ކަމުގައެވެ.

“ލީކްކޮށްލާފައިވާ އޯޑިއޯ އަކީ އަޅުގަނޑު ފޯނުން ތަފާތު ފަހަރުމަތިން ދައްކާފައިވާ ވާހަކަތައް އަޅުގަނޑަށް ނޭނގި ރެކޯޑްކޮށް، ވާހަކަތަކުގެ ތަރުތީބު އިސްފަސްކޮށް، ވަކި މާނައެއް ނެރުމަށް އަދި ވަކި ވާހަކައެއް ދޭހަކޮށްދިނުމަށް އެޑިޓްކޮށް، ޑަބްކޮށްފައިވާ އޯޑިއޯއެއް ކަމުގައި ދަންނަވަމެވެ.” ޝަރީފްގެ ބަޔާނުގައި ވެއެވެ.

ޝަރީފްގެ ބަޔާނުގައި ވިދާޅުވީ އޯޑިއޯގެ މައްސަލަ ތަޙްޤީޤު ކޮށްދިނުމަށް ފުލުސް އޮފީހަށް ހުށަހަޅަން ގަސްތުކުރާ ކަމަށާއި އަދި އެފަދަ ތަޙްޤީޤަކަށް އޭނާ ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ.

މީސް މީޑިއާގައި ދައުރުވަމުންދާ އޯޑިއޯއެއްގައި ކާކުކަން ނޭނގޭ މީހަކު ފުރަތަމަ ބުނަނީ އިލެކްޝަންސް ކޮމިޝަނުގެ ރައީސް ދެއްކެވި ވާހަކައަކުން ވަރަށް ބިރުގަންނަ ކަމަށާއި، ރައީސް އެމީހަކަށް މެސެޖެއް ނުކުރާތާ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. ޖަވާބުގައި ޝަރީފް ވިދާޅުވީ އެވާހަކައެއް ޝަރީފް ކައިރީގައި ދެއްކީ ކޮމިޝަނުގެ ތަރުޖަމާނު އަޙްމަދު އަކްރަމް ކަމަށެވެ.

އޯޑިއޯ ބަހަނާއަކަށް ދައްކައިގެން ޕީޕީއެމުން ވަނީ އިލެކްޝަންސް ކޮމިޝަނާއި ދެކޮޅަށް އޮޅުވާލި ވޯޓްގެ ނަމުގައި އިހްތިޖާޖްތަކެއް ފަށާފައެވެ. މިރޭގެ އެއްވުމުގައި ބައިވެރިވެވަޑައިގެން ރައީސް ޔާމީންވަނީ އޯޑިއާއަށް ޖަވާބުދާރީވުމަށް ޝަރީފަށާއި އިލެކްޝަންސް ކޮމިޝަނަށް ގޮވާލައްވާފައެވެ.

މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ރަޢީސް ޔާމީނާއި ވާދަކުރައްވާ ކާމިޔާބު ކުރެއްވީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޟާލިހް. އިބޫ އެވެ. އިބޫއަށް 134،705 ވޯޓު ލިބިވަޑައިގެންނެވި އިރު ރައީސް ޔާމީނަށް ލިބިވަޑައިގެންވީ 96،052 ވޯޓެވެ.