English Edition
Dhivehi Edition

ސިޔާސީ އިސް ލީޑަރުންތަކެއް ކަފާލާތުގެ ދަށުން މިނިވަންކުރި ގޮތަށް، ހުކުމް ތަންފީޒު ކުރަމުންދާ އެހެން ގައިދީން ވެސް ދޫކޮށްލުމުގެ މަސައްކަތް އިދިކޮޅު ޕާޓީތަކުން ފެށުމަށް ޕީޕީއެމުން ގޮވާލައިފި އެވެ

ޕީޕީއެމް އިން މިހެން ބުނެފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ވައްޓާލަން އުޅުއްވި ކަމުގެ ތުހުމަތުގައި، ހައްޔަރުކުރި ކުރީގެ ރައީސް މައުމޫނާއި ރައީސް މައުމޫންގެ ދަރިކަލުން ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން އަދި ރިޝްވަތުގެ ތުހުމަތުގައި ތިން އަހަރުގެ ޖަލު ހުކުމެއް އިއްވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ކަފާލާތުގެ ދަށުން ރޭ މިނިވަންކުރުމާއި ގުޅިގެންނެވެ

އެކި ކުށްތަކުގައި ޖަލަށް ލާފައިވާ ސިޔާސީ ބޭފުޅުންތަކެއް ދޫކުރަނީ، ގާނޫނާ ޚިލާފަށް ކަމަށް ބުނެ ޕީޕީއެމުންބުނެފައިވަނީ ޖަލުތަކުގައި ހުކުމް ތަންފީޒުކުރަނީ އެންމެ މީހެއް، ދެ މީހެއް ނޫން ކަމަށާއި ކަފާލާތުގެ ދަށުން ދޫކޮށްލެވޭނީ ކޮން ބައެއް ކަން ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާކަމަށެވެ

ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ލީޑަރު ނިހާން ހުސައިން މަނިކު ވިދާޅުވީ އެއް ބަޔަކު ޖަލުގައި ތިބެފައި، އަނެއް ބަޔަކު ޖަލުން ދޫވުމަކީ އިންސާފެއް ނޫންކަމަށާއި ޖަލުތަކުގައި ތިބި ވަކި ބަޔަކު ހޮވާފައި، ވަކި އަދަދެއްގެ ފައިސާކޮޅެއް ބަހައްޓާފައި ގެންދެވޭ ގޮތް ވެއްޖެ ނަމަ މުޅި ގައުމުގެ އިންސާފުން އެއްކިބާވެވޭނެ ޖާގަތަކެއް އެބައޮތްކަމަށެވެ

މީގެ އިތުރުން ނިހާން ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހަވާލާ ދެއްވައި ދައުލަތުގެ މިނިވަންކަމާއި އިސްތިގުލާލަށް ގެއްލުންވާ ފަދަ އަމަލެއް ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހުން ކަފާލާތުގެ ދަށުން ދޫކޮށްނުލެވޭނެކަމަށާއި ރޭގައި ދޫކޮށްލި ތިން ބޭފުޅުންނަކީވެސް މި ދެންނެވި ތުހުމަތުގައި ބަންދުކުރެވިފައި ތިބި މީހުންކަމަށެވެ. އަދި އެ ބޭފުޅުން ދޫކޮށްލާފައިވަނީ ޖިނާއީ އިޖުރާޔުގެ ގާނޫނާއި ހިލާފަށްކަމަށް ނިހާން ވިދާޅުވިއެވެ