މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާންކުރުން އަވަސްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރު އަލްއުސްތާޒާ އަނާރާ ނައީމް ގޮވާލައްވައިފިއެވެ.
މިކަމަށް ގޮވާލާ އަނާރާ ކުރެއްވެވި ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ރައްޔިތުން ވޯޓުން ނިންމި ނިންމުން، ރަސްމީކޮށް އިއުލާންކުރުން އަވަސްކޮށްދެއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ގޮވާލައްވާކަމަށެވެ.
މީގެ އިތުރަށް ރައީސް ޔާމީން ރިޔާސީ އިންތިޚާބު ބާތިލް ކުރަން ރާއްވަވަމުން ގެންދަވާ ކަމަށް ގަލޮޅު ދެކުނުދާއިރާގެ މެމްބަރު އަހުމަދު މަޚުލޫފް ވިދާޅުވެފައިވާތީ އެކަމާއި ގުޅޭގޮތުންވެސް އަނާރާ ވަނީ ޓްވީޓެއް ކުރައްވާފައެވެ. އަނާރާ ވިދާޅުވީ ރައީސް ޔާމީން އެ ވިދާޅުވާ އެމަނިކުފާނުގެ އަސްލު ސޫރަ ބަލަން ދިވެހި ރައްޔިތުން އެއްގޮތަކަށްވެސް ބޭނުންނުވާކަމަށެވެ..
އިދިކޮޅު ފަރާތްތަކުން މި ގޮތަށް ގޮވާލައްވަވަމުން ގެންދަވާއިރު ރިޔާސީ އިންތިހާބުގެ ނަތީޖާ ފަސްކޮށްދޭން ޕީޕީއެމް އިން އިލެކްޝަންސް ކޮމިޝަނުގައި ވަނީ އެދިފައެވެ.
މި ކަމާގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ އިންތިހާބުގައި މައްސަލަތަކެއް ހުރިކަން ފާހަގަކޮށް ދާއިމީ ނަތީޖާ އިއުލާން ކުރުން ފަސްކޮށް ދިނުމަށް ޕީޕީއެމުން އެދިފައިވާ ކަމަށެވެ. އަދި އެކަމާ މެދު ގޮތެއް މާދަމާ ބާއްވާ އެކޮމިޝަންގެ ބައްދަލުވުމުގައި ގޮތެއް ނިންމާނެ ކަމަށެވެ.
އިންތިޚާބުގެ ދާއިމީ ނަތީޖާ ފަސްކުރުމަށް އެދި އިލެކްޝަނަށް ހުށަހަޅާފައިވާއިރު ރިޔާސީ އިންތިހާބުން ލިބުނު ނާކާމިޔާބީ ރައީސް އަބްދުﷲ ޔާމީން ވަނީ މިދިޔަ ހޯމަ ދުވަހު ގަބޫލުފުޅު ކުރައްވާފައެވެ. މި އިންތިހާބު 58 ޕަސެންޓުން ކާމިޔާބު ކުރެއްވީ އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެވެ.