އައްޑޫ އިންޓެގްރޭޓެޑް ޓޫރިޒަމް ޒޯންގެ ދަށުން ކަނޑައަޅާފައިވާ ޒޯންތަކުން ބިޑް އުސޫލުން ބިން ދޫކުރަން ކުރި އިއުލާން މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން މިއަދު ބާތިލުކޮށްފި އެވެ.
އެމްއައިޓީޑީސީއިން ކޮށްފައިވާ އިއުލާނެއްގައި ބުނީ “އައްޑޫ ސިޓީ އިންޓަގްރޭޓަޑްގެ ޓޫރިޒަމް ޒޯން” ތަރައްގީ ކުރަން މިމަހުގެ 13 ވަނަ ދުވަހު ކުރި އިއުލާނު ބާތިލްކޮށްފައިވާ ކަމަށެވެ. އިއުލާން ބާތިލުކުރި ސަބަބެއް އެމްއައިޓީޑީސީން ހާމައެއް ނުކުރެ އެވެ.
އައްޑޫ އިންޓެގްރޭޓެޑް ޓޫރިޒަމް ޒޯންގެ ދަށުން ކަނޑައަޅާފައިވާ ޒޯންތަކުން ބިޑް އުސޫލުން ބިން ދޫކުރުމުގެ ފުރުސަތު އެމްއައިޓީޑީސީން ހުޅުވާލީ މި މަހުގެ 13 ވަނަ ދުވަހުގައެވެ.
އެ ކުންފުނިން ބިން ދޫކުރަން ނިންމާފައި އޮތީ ހިތަދޫ އާއި ފޭދޫ އަދި މަރަދޫ އާއި ހުޅުދޫ، މީދޫ އަދި ހިކަހެރައިން ކަނޑައަޅާފައިވާ ސަރަހައްދުތަކުންނެވެ.
ކުރިން ކުރި އިއުލާނުގައިވާ ގޮތުން އެމްއައިޓީޑީސީން އެ މަޝްރޫއުގެ ބިޑް ފޮތް ވިއްކުމާއި ބިޑް ބަލައިގަތުން ކުރިއަށް ގެންދަން ނިންމާފައި ވަނީ މިދިޔަ ހަފުތާގެ ހޯމަ ދުވަހުން ފެށިގެން މާދަމާގެ ނިޔަލަށެވެ. އަދި ހުށަހަޅާ ބިޑްތައް ހުޅުވަން ހަމަޖައްސާފައި ވަނީ އަންނަ މަހުގެ އެއްވަނަ ދުވަހު އެވެ. ބިޑް އިވެލުއޭޓްކުރުން ކުރަން ނިންމާފައި ވަނީ އޮކްޓޯބަރު 1 ން 4 ގެ ނިޔަލަށް ކަމަށް ވެސް އެ އިއުލާންގައި ބުނެފައިވެ އެވެ.