ދަރިންނަކީ މާތް ﷲ އިންސާނުންނަށް ދެއްވާ ވަރަށް މަތިވެރި ނިއުމަތެކެވެ. އަދި ދަރިފުޅު ދުޅަހެޔޮ ސިއްހަތެއްގައި ދުނިޔެއަށް ނޭވާ ލުމަކީ ކޮންމެ މަންމައަކާއި ކޮންމެ ބައްޕައެއްގެ މޫނުމައްޗަށް އުފާވެރިކަމުގެ ކުލަވަރު ގެނުވާނެ ކަމެއް ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. ނަމަވެސް ކުއްޖެއްގެ ފަަރާތުން މިފަދަ އުފާވެރިކަންލިބިގެން ދިއުމުގައި ބައެއް ފަހަރު އަހަރެމެންނާއި އިމްތިހާންތައް ކުރިމަތިވެއެވެ. މިއީވެސް އެފަދަ އިމްތިހާނެއް ކުރިމަތިވެފައިވާ އާއިލާއެކެވެ.
ސ.މީދޫ އަޒްލީނާ މުހައްމަދު، ކޮކާގެ، އާއި ގދ. ގައްދޫ ނޫމަސް، އިބްރާހިމް ނަޒީލް އާދެމީހުން ކައިވެންޏެއްކޮށް އުފާވެރި ދިރިއުޅުމެއް އުޅެމުންދަނިކޮށް ފުރަތަމަ ދަރިފުޅު ލިބުނެވެ. އެ ދަރިފުޅުގެ ސިއްޙީ އެއްވެސް މައްސަލައެއްނެތެވެ. ނަމަވެސް ދެވަނަ ދަރިއަކު ލިބެންއުޅޭތީ އުފަލުން ތިބީ އެ ދަރިފުޅުގެ އެއްވެސް ސިއްޙީމައްސަލައެއް ހުރެދާނެކަމަށް ހިތަށްވެސް ނުގެނެވިއެވެ. މާބަނޑު އިރު ހިތަދޫ ރީޖަނަލް ހޮސްޕިޓަލަގެ ޑޮކްޓަރަށް ގަވައިދުން ދައްކާ ބޭސްކަމުން ދިޔައިރު ބަނޑުގައިވާ ދަރިފުޅުގެ އެއްވެސް މައްސަލައެއް ހުރިކަމަކަށް ޑޮކްޓަރުން ބުނެފައެއްނުވެއެވެ.
މިއަރުގެ މާ ޗް 13 ވަނަދުވަހު ދުނިޔެއަށް އުފަންވި ފާތިމަތު ނާލާ ނަޒީލްގެ އެއްވެސް ސިއްޙީމައްސަލައެއް ހުރި ކަމެއް ވިހޭ އިރަކު ނޭނގެއެވެ. ހަމަ އެހެން ކުދިންނެކޭ އެއްފަދައިން ބޭރުފުށުން ހުރިހާކަމެއްވެސް ފެންނަނީ ރަގަޅަށެވެ. ނަމަވެސް ވިހައިގެން ހޮސްޕިޓަލުން ދޫކުރަމުން ޑޮކްޓަރު ނާލާގެ މަންމަ ކައިރީ ބުނެފައިވަނީ ދަރިފުޅުގެ ސިއްޙީ މައްސަލަތަކެއް ހުރިވާހަކައެވެ. އަދި އެއީ ދަރިފުޅުގެ ހިތުގެ މައްސަލައެއް ކަމަށް ޑޮކްޓަރުން ބުނި ކަމަށް އަޒްލީނާ ބުންޏެވެ. “ދަރިފުޅުގެ ހިތުގެ މައްސަލައެއް ހުރިކަމަށް ބުނުމުން އަހަރެން ކުޑަކުދިންގެ ވިޒިޓިންގ ޑޮކްޓަރ ސައީދަށް ދެއްކިން، ސައީދްވެސް ރިޕޯޓް ބަލާފައި އަދި ކަށިގަނޑު އެޅުމަށްފަހު ބުނި ހިތުގެ މައްސަލައެއް ހުރިކަމަށް ލަފާވާ ކަމަށް. އަދި ވަރަށް އަވަހަށް ހިތުގެ ޑޮކްޓަރަކަށް ދެއްކުމަށް” އަޒްލީނާ “އޭއޯ ނިއުސް” އަށް ކިޔައިދިނެވެ.
މާލީ ހާލަތު ތަންނުދޭތީ އަޒްލީނާ އާއި ފިރމީހާ ދަރިފުޅުގޮވައިގެން އާއިލާމީހުންގެ އެހީގައި މާލެއަށް ފުރިއެވެ. މާލެ ގޮސް އައިޖީ އެމެއެޗްގެ ކުޑަކުދިންގެ ހިތުގެ ޑޮކްޓަރަށް ދެއްކުމުން “އިކޯ” ޓެސްޓް ހެދުމަށްފަހު ޑޮކްޓަރު އައިޝަތު އެލީނާ ބުނެފައިވަނީ ނާލާގެ ހިތުގެ މެދުގައި ބޮޑު ލޯވަޅެއް އުފެދިފައިވާކަމަށެވެ. ލޯވަޅުގެސަބަބުން ހިތުގެ އެއްފަޅިން ސާފު ލޭބޭރުކޮށް ނުދޭކަމަށާއި އަދި ފުއްޕާމެއަށް ލޭފޮނުވައިދޭ މައި ނާރެއް ފިތިފައި ވުމުން ނޭވާލުމަށް ދަތިވެ ނާލާގެ ހަށިގަނޑުގެ އޮކްސިޖަން ދަށްވާ ކަމަށެވެ. އަޒްލީނާ ބުނެފައިވަނީ ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރު ލަފާދެއްވީ ދަރިފުޅުގެ ބަރުދަނުގައި 7 ކިލޯ ހަމަވުމުން ވީހާވެސް އަވަހަކަށް ހިތުގެ އޮޕްރޭޝަން ކުރުމަށެވެ. އަޒްލީނާ ބުނީ ދަރިފުޅު ވަރަށް އަވަސް އަވަހަށް ރޯގާޖެހި ބަލިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް ވަރުބަލިވެ ގިނައިން ރޮއެހަދާކަމަށެވެ. އެހެންކަމުން ވީހާ އަވަހަކަށް ދަރިފުޅަށް ފަރުވާއެއް ހޯދަން ބޭނުން ވާކަމަށް އަޒްލީނާ އަސާރާއެއްކޮށް ބުންޏެވެ.
ނަމަވެސް މި އޮޕްރޭޝަނަކީ ރާއްޖެއިން ކުރެވޭނެ އޮޕްރޭޝަނަކަށް ނުވުމުން މިހާރު ބަރުދަނުގައި ހަތް ކިލޯ ހުރި އުމުރުން 6 މަހުގެ ނާލާ ގެ ހިތުގެ އޮޕްރޭޝަން ކުރެވެން އޮތީ އިންޑިއާގެ ކޮޗިންގައި ހުންނަ އަމްރީތާ ހޮސްޕިޓަލުން ކަމަށް ޑޮކްޓަރު ވަނީ ބުނެފަވެ. އަދި ނާލާގެ ހުރިހާ ކަމެއްގައި އާސަންދަ ހަމަޖެހޭނޭ ކަމަށްވެސް ޑޮކްޓަރުވަނީ ބުނެފައެވެ. ނަމަވެސް ދަރިފުޅު ގޮވައިގެން އިންޑިއާގައި ތިބެން ޖެހޭނީ ކިތައްދުވަސް ކަންނޭނގޭ އިރު މާލީ ހާލަތު ތަންނުދިނުމުގެ ސަބަބުން އިންޑިއާ އަށްގޮސް ތިބުމުގެ އެހެނިހެން ހަރަދު ތަކަށް ބޭނުންވާނެ އެއްވެސް ފައިސާއެއް މިވަގުތު އަތުގައި ރައްކާކުރެވިފައި ނެތުމުން މި އާއިލާއަށް ތިޔަ އެނެމެ ބޭފުޅުންގެ ދީލަތި އެހީ އެއް މިވަގުތު ވަނީ ބޭނުނެވެފައެވެ.
އުމުރުން 6 މަހުގެ ނާލާ އަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުން ނާލާގެ އާއިލާއާއި ގުޅުއްވައިގެން ކުރިއަށް ގެންދެވުން އެދެމެވެ. އަދި ވީހާވެސް ގިނަ ފަރާތްކެއް އެއާއިލާއަށް އެހީތެރިވެދެއްވުމަކީ އާއިލާގެ ވަރަށް ބޮޑު އެދުމެކެވެ.
(އަޒްލީނާ މުހައްމަދު)
ރުފިޔާ އެކައުންޓް: 7730000000825
ފޯނު ނަންބަރު: އަޒްލީނާ މުހައްމަދު (ނީލާގެ މަންމަ) ވައިބާ 7562334
މީސްތަކުންނަށް އެހީތެރިވުމަކީ އަދި މީސްތަކުންގެ ޙާޖަތްތައް ފުއްދައިދިނުމަކީ އިޙުސާންތެރިކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.
(وَأَحْسِنُوا ، إِنَّ اللَّـهَ يُحِبُّ الْمُحْسِنِينَ) سورة البقرة: 195
މާނައީ: “އަދި ތިޔަބައިމީޙުން އިޙުސާންތެރިވާށެވެ. ހަމަކަށަވަރުން ﷲ އިޙުސާންތެރިވާ މީސްތަކުންދެކެ ލޯބިވެވޮޑިގަންނަވައެވެ.”
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
(الْمُسْلِمُ أَخُو الْمُسْلِمِ لَا يَظْلِمُهُ وَلَا يُسْلِمُهُ وَمَنْ كَانَ فِي حَاجَةِ أَخِيهِ كَانَ اللَّهُ فِي حَاجَتِهِ) متفق عليه.
(رواه البخاري 6551 و مسلم 2850)
މާނައީ: އެއްމުސްލިމަކީ އަނެއްމުސްލިމްގެ އަޚާއެވެ. އޭނާ (އެމީހެއްގެ އަޚާގެ މައްޗަށް) އަނިޔާވެރިއެއްނުވާނެއެވެ. އަދި އަނިޔާ ލިބެން ދޫނުކުރާނެއެވެ. އެމީހެއްގެ އަޚާގެ ޙާޖަތް ފުއްދުމުގައި ދެމިހުރި މީހާގެ ޙާޖަތުގައި ﷲ ވޮޑިގެންވާނެއެވެ.”