ޕީޕީއެމް އަށް އިންތިޚާބުގައި ލިބިގެން ދިޔަ ނާކާމިޔާބީ އަށް ފަހު، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްވެސް އަދި ވެރިކަންކުރާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ލީޑަރޝިޕްގެ އެއްވެސް ބޭފުޅެއްވެސް ރާއްޖެ ދޫކުރައްވާ ވަޑައިނުގަންނަވާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.
އެ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ނޫސް ވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަވަމުން ޕީޕީއެމްގެ ނައިބް ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، ކުރިއަށް އޮތްތަނުގައި އެ ޕާޓީގެ އެއްވެސް ބޭފުޅަކު ފިލައިގެން ނުދާނެ ކަމަށެވެ. އަދި ފިލައިގެން ދާނަމަ ރައީސް އަބްދުﷲ ޔާމީން މިއަދު ނިންމެނި އެ ނިންމުން، ނުނިންމަވާނެކަމަށް އަދުރޭ ވިދާޅުވިއެވެ.
ޕީޕީއެމްގެ ނައިބު ރައީސް، މިނިސްޓަރ އޮފް ޓޫރިޒަމް އޮނަރަބަލް މޫސާ ޒަމީރު ވިދާޅުވީ، ޕީޕީއެމްގެ ބޭފުޅުން ފިއްލަވާނެކަމަށް ދައްކަމުންދާ ވާހަކަތަކަކީ، އިދިކޮޅު އެކްޓިވިސްޓުން ދައްކަވާ ވާހަކަތަކެއް ކަމަށެވެ.