ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގެންނެވި ނާކާމިޔާބީ އާ ގުޅިގެން ނޮވެމްބަރު 17 ވަނަ ދުވަހުން ފެށިގެން ޕީޕީއެމަކީ އިދިކޮޅު ޕާޓީގެ ގޮތުގައި ހަރަކާތްތެރިވާން އެ ޕާޓީން މިއަދު ނިންމައިފި އެވެ.
ޕީޕީއެމުން މިގޮތަށް ނިންމީ، ރައީސް ޔާމީން ރިޔާސަތު ބެލެހެއްޓެވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމެއްގަ އެވެ. އެ ބައްދަލުވުމަށްފަހު ޕީޕީއެމުން ވަނީ ނޫސްވެރިންނާ ވެސް ބައްދަލުކުރައްވަވާފައެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް މޫސާ ޒަމީރާއި ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އާއި ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސެއިންގެ އިތުރުން ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ބައިވެރިވެވަޑައިގަތެވެ.
އިއްޔެ ކުރިއަށް ދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނާ ވާދަކުރެއްވި، އިބޫ އިންތިޚާބު ކާމިޔާބުކުރެއްވީ، 134،616 ވޯޓުންނެވެ. އެއީ 58.4 ޕަސެންޓެވެ. ރައީސް ޔާމީނަށް ލިބިވަޑައިގަތީ، 96،123 ވޯޓެވެ. އެއީ 41.6 ޕަސެންޓެވެ.
ނޫސް ވެރިންގެ ބައްދަލުވުމުގައި މޫސާ ޒަމީރު ވިދާޅުވީ، ޕާޓީ އަށް އިންތިޚާބު ނާކާމިޔާބުވި ސަބަބުތައް ދެނެގަތުމަށް އެސެސްމެންޓެއް ހަދާނެ ކަމަށާއި ނާކާމިޔާބުވި ސީދާ ސަބަބާ ގުޅޭ ގޮތުން އެއްޗެއް ވިދާޅުވާން އަދި މާ އަވަސް ކަމަށެވެ.