ރިޔާސީ އިންތިޚާބުގައި އިބްރާހިމް މުޙައްމަދު ސޯލިޙް އާއި ފައިސަލް އަށް އިންތިޚާބު ކާމިޔާބު ކޮށްދެއްވީތީ ދިވެހި ރައްޔިތުންނަށް ޔުމްނާ މައުމޫން ޝުކުރު އަދާކުރައްވަވައިފިއެވެ.
އިންތިޚާބުގެ ކާމިޔާބީ އާއި ގުޅިގެން ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވިދާޅުވީ ދިވެހި ރައްޔިތުންގެ ހިތްވަރަށް ސާބަސް ދެއްވަވާ ކަމަށާއި އިބޫއާއި ފައިސަލް އިންތިހާބުކޮށްދެއްވީތީ ރައީސް މައުމޫންގެ އާއިލާގެ ފަރާތުން ދިވެހި ރައްޔިތުންނަށް ޝުކުރުއަދާކުރައްވަވާ ކަމަށެވެ.
“މިދިޔަ ނުވަ މަސް މިއީ އަޅުގަނޑު ވަރަށް ހިތާމަކުރި ދުވަސްތަކެއް. އެކަމަކު މިރެއަކީ އަޅުގަނޑު ވަރަށް އުފާވި ރެއެއް. އުއްމީދު އާލާވެއްޖެ” ކަމަށް ޔުމްނާ ވަނީ ވިދާޅުވެފައެވެ.
އިންތިޚާބަށް އެއް ދުވަހަށް ވެފައި ވަނިކޮށް މައުމޫންގެ އަނބިކަނބަލުން ނަސްރީނާ ވަނީ މައުމޫން މިނިވަން ކޮށް ދެއްވުމަށް އިބޫއަށް ވޯޓު ދެއްވުމަށް އެދި ދިވެހި ރައްޔިތުންނަށް އާދޭސް ދަންނަވާފައެވެ. އަދި ނަސްރީނާ ވިދާޅުވީ ދޮޅު އަހަރުގެ ދުވަހުގެ ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިނިވަން ކުރުމުގެ ބާރު އޮތީ އެމަނިކުފާނުގެ ކޮއްކޯފުޅު ރައީސް އަބްދުﷲ ޔާމީންގެ އަތްޕުޅު މަތީގައި ކަމަށް ވިދާޅުވި ކަމަށް ވިޔަސް، މައުމޫން މިނިވަން ކުރައްވާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.
އިންތިޚާބުގައި އިބޫ ހޯއްދެވި ކާމިޔާބާ ގުޅިގެން ނޫސް ވެރިންނަށް ދެއްވެވި ބަސްދީގަތުމުގައި އިބޫ ވަނީ ހުރިހާ ސިޔާސީ ކުއްވެރިން މިނިވަން ކޮށްދެއްވުމަށް ރައީސް ޔާމީނަށް ދަަންނަވާފައެވެ.