English Edition
Dhivehi Edition

ރިޔާސީ އިންތިހާބުގައި ރައްޔިތުން ނިންމި ނިންމުމަށް އިހްތިރާމުކުރައްވާ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ސަރުކާރު ބަދަލުކުރުމުގެ މަސައްކަތް ލަސްނުކުރައްވާ ފެއްޓެވުމަށާއި ނުހައްގުން ޖަލުގައި ތިއްބެވި ބޭފުޅުން މިހާރުން މިހާރަށް މިނިވަންކުރުމަށް ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވާފައިވާ އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް ގޮވާލައްވައިފި އެވެ.

އިބްރާހީމް މުހައްމަދު ސޯލިހް މިކަމަށް ގޮވާލެއްވީ ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާއިން އެމަނިކުފާނަށް ބޮޑު އަޣުލަބިއްޔަތަކުން އިންތިހާބު ކާމިޔާބުކުރެއްވިފައިވާތީ ފުރަތަަމަ ފަހަރަށް މިރޭ ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ދެއްވި ބަޔާނެއްގައި އެވެ.

އިބޫ ވިދާޅުވީ މިރެއަކީ އުފާވެރި އަދި ދިވެހި ރައްޔިތުންގެ ދުއާ ﷲ އިޖާބަކުރެއްވި ރެއެއް ކަމަށެވެ. އަދި މިރެއަކީ އިންސާފުގެ މަގަށް އެބޭފުޅުން ފެއްޓެވި ދަތުރުގައި ފުރަތަމަ ކާމިޔާބު ހާސިލްވި ރޭ ކަމަށްވެސް ވިދާޅުވި އެވެ.

“ﷲގެ ހެޔޮރަހްމަތްފުޅާއެކު މިއަދު މިބޭއްވުނު ރިޔާސީ އިންތިހާބު ވަރަށް ފުރިހަމަ އަގުލަބިއްޔަތަކުން އަޅުގަނޑުމެންނަށް މިވަނީ ކާމިޔާބުކުރެވިފައި. މިމަތިވެރި ކާމިޔާބަށްޓަކައި ﷲގެ ހަޒްރަތަށް ހަމްދުކުރަން. އަދި ދިވެހި އެންމެހާ ރައްޔިތުންނަށް ތަހުނިޔާއާއި މުބާރިކުބާދީ އަރިސްކުރަން،” އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ ކާމިޔާބު ލިބިވަޑައިގަތީ އަލުން އަނބުރާ ގައުމު ހެޔޮ މަގަށް ގެނައުމުގެ ވިސްނުމުގައި ގަދަހިތްވަރާ އަޒުމާއެކު ރައްޔިތުން ކުރި ބުރަ މަސައްކަތުން ކަމަށެވެ. އެހެންކަމުން އިބޫ ވަނީ އިންތިހާބުގައި ބައިވެރިވި ރައްޔިތުންނަށާއި އެމަނިކުފާނާއި، އެމަނިކުފާނުގެ ރަނިންމޭޓް ފައިސަލް ނަސީމަށް ވޯޓު ދެއްވި ރައްޔިތުންނަށް ޝުކުރު އަދާ ކުރައްވާފަ އެވެ.

“އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައްޔިތުންނަށް މި ކާމިޔާބު މި ހޯދުނީ ތަފާތު އެކި ފިކުރުތައް ގުޅިގެން އެއް އަމާޒަކަށް ދަތުރުކުރުމަށް ރައްޔިތުން ކުރި ބުރަ މަސައްކަތުން. އަދި މިކަން މިހިސާބަށް ދެމެހެއްޓުމުގައި ގުޅިފައިވާ ޕާޓީ ތަކުގެ ލީޑަރުން ކަމުގައިވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި، ޕީޕީއެމްގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމު އަދި އަދާލަތު ޕާޓީގެ ރައީސް އައްޝައިހް އިމްރާން އަބްދުﷲ އަދި ގުޅިފައިވާ ޕާޓީ ތަކަށް އެކުގައި ކުރެއްވި ގިނަގުނަ މަސައްކަތްޕުޅުތަކަށް އިހްލާސްތެރިކަމާ އެކުގައި ޝުކުރު ދަންނަވަން. އަދި މިކެމްޕޭންގައި ނުހަނު ބުރަކޮށް ޖޯޝާއި ފޯރިއާއެކު ކުރިމަތިވި ހުރަސްތައް ފަސްޖެހުމެއް ނެތި ގިރާކޮށް މަސައްކަތްކޮށްދެއްވި އެންެމެހާ ބޭފުޅުންނަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން،” އިބޫއަށް އިންތިހާބު ކާމިޔާބުކޮށްދިނުމަށް މަސައްކަތް ކޮށްދެއްވި ފަރާތްތަކަށް ޝުކުރުވެރިވަމުން ވިދާޅުވި އެވެ.

އިބޫ މެސެޖުގައި އެމަނިކުފާނު ވަނީ އިންތިހާބު އަމާންކަމާއި އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށް އެއްބާރުލުން ދިނީތީވެ ދިވެހި ރައްޔިތުންނަށާއި ސަލާމަތީ ހިދުމަތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ. އިބޫ ވިދާޅުވީ ނިމިގެން ދިޔައީ ވަރަށް ވާދަވެރި އިންތިހާބަކަށްވާތީ މިހާރު އެންމެ އިސް ވާޖިބަކަށް ވާންވާނީ ގައުމު އެއްބައިވަންތަކުރުން ކަމަށެވެ. މިވަގުތު މަސައްކަތް ކުރަންވާނީ ތަފާތުތައް އެއްކިބާކޮށް ގައުމު އެކުވެރިކުރުމަށްޓަކައި އަދި އިންސާފުގެ މަގަށް ވާސިލްވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކަށް އިސްކަންދީގެން ކަމަށްވެސް ވިދާޅުވި އެވެ. ގައުމު މިއަދު މިއޮތް ހާލަތަށް ވުރެ ރަނގަޅު ހާލަތަކަށް ގެންދިއުމަށް އެމަނިކުފާނާ އެކު ހުރިހާ ރައްޔިތުން މަސައްކަތް ކޮށްދެއްވުމަށްވެސް އިބޫ ވަނީ އެދިވަޑައިގެންފަ އެވެ.

އިބޫގެ މި މެސެޖުގައި އެމަނިކުފާނު ވަނީ ދެ ކަމެއް ވީހާވެސް އަވަހަށް ކޮށްދެއްވުމަށް ރައީސް ޔާމީނަށް ވެސް އިލްތިމާސްކުރައްވާފަ އެވެ.

“މިއަދު ބޭއްވި ރިޔާސީ އިންތިހާބުގައި ރައްޔިތުން ނިންމި ނިންމުމަށް އިހްތިރާމުކުރައްވާ ގާނޫނުގައިވާ ގޮތުގެ މަތިން އެއް ސަރުކާރުން އަނެއް ސަރުކާރަށް ގައުމުގެ ހިންގުން ބަދަލުކުރުމުގެ މަސައްކަތް ލަސްނުކުަރައްވާ ފެއްޓެވުމަށް ރައީސް އަބްދުﷲ ޔާމީނަށް އަޅުގަނޑު ގޮވާލަން. އަދި މިއަދު އެންމެ އިސްކަމެއްގެ ގޮތުގައި ތަފާތު އެކި ބަންދުތަކުގައި މިވަގުތު ތިއްބެވި ސިޔާސީ ލީޑަރުންނާއި ޝަރީއަތުގެ އުސޫލުތަކާ ހިލާފަށް ހައްޔަރުކޮށްފައިވާ އެންމެން މިހާރުން މިހާރަށް މިނިވަންކޮށްދެއްވުމަށް އަޅުގަނޑު ރައީސް ޔާމީނަށް ގޮވާލަން،” އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި ކުރިއަށް އޮތް ފަސް އަހަރު އެންމެ އިސް އަމާޒަކަށްވާނީ އިސްލާމްދީނުގެ ހިދާޔަތުގައި ރާއްޖެ ސާބިތުކޮށް ދެމެހެއްޓުމާއި، ގައުމުގެ ޑިމޮކްރެޓިކް ވެށި ހަރުދަނާކުރުން ކަމަށެވެ. މީގެއިތުރުން އިންސާނީ ހައްގުތައް ކަށަވަރުކޮށްދިނުމާއި، ފަސާދައާއި ކޮރަޕްޝަން ނައްތާލުމާއި، އުފާފާގަތިކަމާ އަމާންކަމާއެކު ރައްޔިތުން ދިރިއުޅޭ މުޖުތަމައެއް ބިނާކުރުމާއި، އިންސާފުގެ މަގަށް ރާއްޖެ ގެންދިއުމަކީ ވެސް އަމާޒެއް ކަަމަށް ވިދާޅުވި އެވެ.

2 ކޮމެންޓް
ޝާން
ސެޕްޓެމްބަރު 24, 2018
އިބޫ އަށް ވެދުން ސަލާމް. އެއްވެސް ހާލެއްގައި ޔާމީނާއި ޑީލް ހަދާ ޔާމީން ރާއްޖެ ދޫކޮށްދާން ނުވަތަ ޔާމީން ހިންގި ޖަރީމާތަކަށް ޖަވާބުދާރީ ނުކޮށް މައާފުދީ ދޫނުކުރުމަށް ދިވެހި ރައްޔަތެއްގެ ހައިސިއްޔަތުންނާއި އިބޫ އަށް ވޯޓް ދިންމީހެއްގެ ހައިސިއްޔަތުން އިލްތިމާސްކުރަން. އިބޫ ވެފައިވާ ވައުދާއި އެއްގޮތަށް ބައިތުލްމާލުން ވައްކަންކުރި އަދި ކަރަޕްޝަން ގެ އަމަލެއް ހިނަގާފައިވާ ކޮންމެ މީހަކު އެެކަމަށް ޖަވާބުދާރީ ކުރުވުމަށް ވެސް އެދި ދަަންނަވަން.
ހަސަން
ސެޕްޓެމްބަރު 24, 2018
ގޮވާލާނެ ކަމެއް ނެތް. ކަލޭ ވެރިކަމަާ ހަވާލު ވެ ދޫ ކޮއްލާ. ހަނދާނަށް އަންނަނީ ހޮވޭދުވަހު ފަހު ދުވަހު ދޫކޮއާލާނެ ކަލަށް ބުނި ބުނުން