ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން މިހާތަނަށް 42 ޕަސަންޓު މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ)އިން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ތަރުޖަމާން އަހުމަދު އަކްރަމް ވިދާޅުވީ، މިއަދު މެންދުރު 13:00 އާއި ހަމައަށް ވޯޓު ލުމުގެ ހައްގު ލިބިފައިވާ 42 ޕަސެންޓް މީހުން ވޯޓު ލާފައިވާ ކަމަށާއި އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ ލައްކައެއްހާ މީހުން ކަމަށެވެ. ވޯޓުލުމުގެ ހައްގު ލިބިފައި ވަނީ، 262135 މީހުންނަށެވެ.
ކުރިން 16:00 ގައި ވޯޓުލުމުގެ ކަންކަން ނިންމާލާ ގޮތަށް އޮތް ނަމަވެސް ވޯޓުލުން މިރޭ 7:00 ޖެހުމާއި ހަމައަށް ކުރިއަށްގެންދަން އީސީން މިހާރު ވަނީ ނިންމާފައެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މިގޮތަށް ނިންމެވީ ގިނަ ރައްޔިތުންނަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ. އަދި މިއީ ވޯޓުލުމަށް ގިނަބަޔަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން ކުރިކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖެ އާއި ބޭރުގެ ހަތަރު ގައުމެއްގައި ޖުމްލަ، 472 ވޯޓު ފޮށި ބަހައްޓާފައިވާ އިރު މާލޭގައި 122 ފޮއްޓެއް އަދި އަތޮޅުތަކުގައި 302 ވޯޓު ފޮށި ބަހައްޓާފައި ހުރެ އެވެ. ރިސޯޓުތަކުގައި 35 ފޮށި ބަހައްޓާފައިވާ އިރު ރާއްޖެއިން ބޭރުގައި ފަސް ފޮށި ބަހައްޓަ އެވެ. އޭގެ އިތުރުން ޖަލުތަކުގައި ހަތަރު ފޮއްޓާއި، ސިނާއީ ސަރަހައްދުތަކުގައި ވެސް ހަތަރު ފޮށި ބަހައްޓާފައިވެ އެވެ.