ވޭތުވެދިޔަ ދުވަސް ތަކުގެ ތެރޭގައި ދުވާލެއްގެ މައްޗަށް އެތަކެއް ހާސް ހަމަލާ އިލެކްޝަންސް ކޮމިޝަނުގެ ސާވާ އަށް ދީފައި ވާކަމަށް އެކޮމިޝަނުން ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ ދުވާލެއްގެ މައްޗަށް 280،000 ހަމަލާ އެކޮމިޝަނުގެ ސާވާ އަށް ދީފައި ވާއިރު ގިނައީ ރާއްޖެއިން ބޭރުން ދީފައިވާ ހަމަލާތައް ކަމަށެވެ.
އެގޮތުން ސާވާ ބްރޭކް ކުރުމަށް އެންމެ ގިނައިން ހަމަލާ އައިސްފައިވަނީ، ސިންގަޕޫރުގެ އައިޕީ ތަކަކުންނާ އަވަށްޓެރި ލަންކާގެ އައިޕީ ތަކަކުން ކަމަށް ވެސް ޝަރީފުވަނީ ފާހަގަކުރައްވާފައެވެ.
އަދި ޝަރީފް ވިދާޅުވީ ދުވާލަކު 280،000 ހަލަމާ އެކޮމިޝަނުގެ ސާވާ އަށް ދީފައިވިޔަސް މިހާތަނަށް އެއްވެސް ހަމަލާއެއް ކާމިޔާބު ކުރެވިފައި ނެތް ކަމަށެވެ. އަދި އެކޮމިޝަނުގެ ސާވާގެ ސެކިއުރިޓީ ވަރުގަދަ ވާނެ ކަމަށް އެބޭފުޅާ ވިދާޅުވިއެވެ.
ޝަރީފް މިހެން މިވިދާޅުވީ، ނޫސްވެރިޔަކު، އީސިގެ ސާވާގެ މަޢުލޫމާތު ޕީޕީއެމް އާ ހިއްސާކޮށްފައިވާ ކަމަށް މައުލޫމާތު ލިބިފައިވާކަމަށާ އެއީ ކިހާވަރެއްގެ ތެދު ހަޤީގަތެއްތޯ ސުވާލު ކުރުމުންނެވެ.
އެ ސުވާލުގެ ޖަވާބު ދެއްވަމުން ޝަރީފު އިތުރަށް ވިދާޅުވީ، އީސިގެ ސާވާ ތަކަކީ ބަޔަކު ކޮނޑަށް ލައިގެން ދެވޭ ވަރަށް ވުރެ ބޮޑެތި އެއްޗިހި ކަމަށާ އެހެން ކަމުން އީސީ އަށް ނޭނގި އެއްވެސް ބަޔަކަށް އީސީގެ ސާވާ އަށް ނުވަދެވޭނެ ކަމަށޭވެ. އެއީ ސިޔާސީ ޕާޓީ އެއް ކަމަށް ވިޔަސް، އަމިއްލަ ފަރުދެއް ކަމުގައި ވިޔަސް އަދި ސަރުކާރުގެ މުއައްސަސާ އެއް ކަމުގައި ވިޔަސް ވެސް އެ މައުލުމާތު އީސީން ހިއްސާކޮށްފައި ނުވާނެ ކަމަށެވެ.