English Edition
Dhivehi Edition

އއ.ސަފާރީ އައިލެންޑް ރިސޯޓުން މާލެއަށް ދަތުރު ކުރަމުން ދިޔަ ދޯންޏަކުން ކަނޑަށް ވެއްޓިގެން ގެއްލުނު މީހާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

އެހާދިސާގައި ކަނޑަށް ވެއްޓި ގެއްލިފައިވަނީ ދޯނީގެ ކެޕްޓަނަކަށް ހުރި ށ.ބިލެތްފަހި / ކްރެސްޓް، އުމުރުން 25 އަހަރުގެ އަލީ ފައުޒާން އެވެ. ކަނޑަށް ވެއްޓުނުއިރު، ފައުޒާން ލައިގެން ހުރީ ކަޅުކުލައިގެ ހެދުމެއް ކަމަށާއި، އޭނާގެ އިސްކޮޅުގައި ގާތްގަނޑަކަށް 5 ފޫޓް ހުންނާނެ ކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ރޭގެ 21:28 ގައި ލިބުމާއި އެކު ފައުޒާން ހޯދުމުގެ މަސައްކަތް ފަށައިގެން ހުއްޓުމެއް ނެތި ކުރިއަށް ގެންދާއިރު، އެމްއެންޑިއެފް އިން މިއަދު ވިދާޅުވީ، ފައުޒާން ހޯދުމުގެ މަސައްކަތް ވައިގެ މަގުން ޓީއެމްއޭ ފްލައިޓެއްގެ އެހީގައި ކުރިއަށްދާ ކަމަށެވެ.

“މިންވަރު”ނަމަކަށް ކިޔާ ދޯންޏަކުން މީހަކު ކަނޑަށް ވެއްޓުނު އިރު އެދޯނީގައި އިތިރު ތިން މީހަކު ތިބި ކަމަށާއި އޭގެ ތެރެއިން ދެމީހުންނަކީ ބިދޭސީން ކަމަށް އެމްއެންޑީއެފުން ބުނެއެވެ. މިހާރު ދިވެހިމީހާ އާއި ދެ ބިދޭސީ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ހާދިސާ އާއި ގުޅޭ ތަހުޤީޤެއް ފަށާފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

ފައުޒާނާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ވީ އެންމެ އަވަހަށް އެމްއެންޑީއެފް ކޯސްޓްގާޑު ހިލޭ ގުޅޭ ނަންބަރު 191 އަށް މަޢުލޫމާތު ދެއްވުމަށް އެމްއެންޑީއެފް އިން އެދެއެވެ.