English Edition
Dhivehi Edition

ގައުމުގައި އޮތް އަނިޔާވެރިކަމުން ސަލާމަތްކޮށްދިނުމަށް ހުރިހާ ރައްޔިތުން ނިކުމެ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ،އިބޫ އަށް ވޯޓު ދީ އަނިޔާވެރި މި ސަރުކާރަށް ނިމުމެއް ގެނައުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަނބިކަބަލުން ނަސްރީނާ އިބްރާހިމް އިލްތިމާސް ކުރައްވައިފިއެވެ.

ނަސްރީނާ މިއަދު އާންމުކުރެއްވި ހާއްސަ މެސެޖެއްގައި ވިދާޅުވީ، ރައީސް މައުމޫން ޖަލުގައި އަށް މަސް ދުވަސް ހޭދަ ކުރައްވާފައިވަނީ އެއްވެސް ކުށެއް ނެތި ކަމަށެވެ. ޖަލުގައި ރައީސް މައުމޫން ހުންނެވިއިރު އަލާސްކަންފުޅެއްގައި އުޅުއްވާތީ ގެއަށް ބަދަލުކޮށްދޭން އާދޭސް ނުދަންނަވާ ކަމާބެހޭ އެއްވެސް މުއައްސަސާއެއް ނުހުންނާނެ ކަމަށް ނަސްރީނާ ވިދާޅުވި އެވެ

“މުޅި ރޯދަމަހު ހުންނެވީ ޖަލުގަ. ދެ އީދު ހޭދަކުރެއްވީ ޖަލުގަ. ހިޖްރީ އާ އަހަރު ފެށިގެން މިދަނީވެސް ހަމަ ޖަލުގައި ހުންނަވަނިކޮށް. މިހުރިހާ ދުވަސް ޖަލުގައި ހޭދަކުރައްވަމުން އެގެންދަވަނީ އާލާސްކަންފުޅެއްގައިވެސް އުޅުއްވަމުން. މި އާލާސްކަންފުޅުގެ ބާވަތުން، އާއިލާއާއެކު ހުންނަވަން ޖެހިވަޑައިގަންނަވާކަމަށް ތަކުރާރުކޮށް ޑަކްޓަރުންވަނީ ލިޔުންވެސް ދެއްވާފަ،” ނަސްރީނާ ވިދާޅުވި އެވެ.

“މިއަދު އަޅުގަނޑު މިއައީ ތިޔަ ބޭފުޅުންގެ އަރިހަށް ދިވެހި ރައްޔިތުންގެ އަރިހަށް. މައުމޫނަށް އަޅުގަނޑުގެ އާއިލާއަށާއި، ނުހައްގުން ޖަލުގައި ތިއްބެވި އެތައް ބޭފުޅުންނަކަށް، އަދި މަޖުބޫރުވެގެން ގައުމު ދޫކުރައްވާ ބޭރުގައި އުޅުއްވަން ޖެހިވަޑައިގެންފައިވާ އެތައް ބޭފުޅުންނަކަށް އިންސާފު ހޯދާ ދިނުން އެދި އިލްތިމާސް ކުރުމަށް،” ނަސްރީނާ ވީޑިއޯގައި ވިދާޅުވިއެވެ.

“އަޅުގަނޑުމެން މިއުޅޭ ހާލުގައި އުޅޭ އެތައް އާއިލާތަކެއް، އެތައް މައިންބަފައިންނެއް، އެތައް އަނބިންނެއް، އެތައް ދަރިންނެއް، އިންސާފު ނުލިބި އެބަތިބި. އެހެންވީމާ، މިއަދު އަޅުގަނޑު މިއައީ، ތިޔަ ބޭފުޅުންގެ އަރިހަށް، ދިވެހި ރައްޔިތުންގެ އަރިހަށް، މައުމޫނަށް، އަޅުގަނޑުގެ އާއިލާއަށާއި ނުޙައްގުން ޖަލުގައި ތިއްބެވި އެތައް ބޭފުޅުންނަކަށް، އަދި މަޖުބޫރުވެގެން ގައުމު ދޫކުރައްވައި ބޭރުގައި އުޅުއްވަން ޖެހިވަޑައިގެންފައިވާ އެތައް ބޭފުޅުންނަކަށް، އިންސާފު ހޯއްދަވައި ދެއްވުން އެދި، އިލްތިމާސް ކުރުމަށް،” ނަސްރީނާ ވިދާޅުވި އެވެ.

ނަސްރީނާ ވިދާޅުވީ އެ ފުރުސަތު ރައްޔިތުންނަށް ލިބޭނީ އަންނަ އާދިއްތަ ދުވަހު ކަމަށާއި އެދުމަކީ އަދި އާދޭހަކީ، އެ ދުވަހު ވީހާއަވަހަކަށް، ވީހާ ގިނަ ރައްޔިތުން ނިކުމެ، މިހުރިހާ ބޭފުޅުން މިނިވަން ކުރުމަށްޓަކައި އަދި މުޅި ގައުމު މި އަނިޔާވެރިކަމުން ސަލާމަތްކުރުމަށްޓަކައި އިބްރާހީމް މުހައްމަދު ސޯލިހަށް ވޯޓު ދެއްވުން ކަމަށެވެ.