ނައްޞަކުން ސާބިތުނުވާ ކޮންމެ ކަމެއް ނިންމަންވާނީ ރަނގަޅާ ނުބަޔަށް ބަލާފައި ކަމުގައި ކުރީގެ ރައީސް، އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ކީރިތި ޤުރްއާނުގައި މުސްލިމުންނަށް މުޚާޠަބު ކުރައްވާފައި ވަނީ ބުއްދީގެ އަހުލުވެރިންގެ ގޮތުގައި ކަމަށާއި، ވީމާ އެކި ކަންކަން ނިންމާއިރު ބުއްދީގެ ބޭނުންކުރުން ލާޒިމް ކަމަށެވެ.
“މިގޮތުން ނައްޞަކުން ސާބިތު ނުވާ ކޮންމެ ކަމެއްވެސް ނިންމަން ވާނީ އެކަމެއްގައި ހިމެނޭ ރަނގަޅަށާއި ނުބަޔަށް ބަލާފައި”، މައުމޫން ވިދާޅުވެފައިވެއެވެ.
ކީރިތިޤުރްއާނުގައިމުސްލިމުންނަށްމުޚާޠަބުކުރައްވާފައިވަނީބުއްދީގެ އަހުލުވެރިންގެގޮތުގައި. ވީމާއެކިކަންކަންނިންމާއިރުއަޅުގަނޑުމެންބުއްދީގެބޭނުންކުރުންލާޒިމް. މިގޮތުންނައްޞަކުންސާބިތުނުވާކޮންމެކަމެއްވެސްނިންމަންވާނީއެކަމެއްގައިހިމެނޭރަނގަޅަށާއިނުބަޔަށްބަލާފައި
— Maumoon Abdul Gayoom (@maumoonagayoom) December 15, 2020
މީގެ އިތުރުންވެސް މައުމޫން ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ސްރީލަންކާގައި ކޯވިޑް ޖެހިގެން މަރުވާ މުސްލިމުންގެ ހަށިތައް ރާއްޖޭގައި ވަޅުލައިދިނުމުގެ ބަދަލުގައި، އިސްލާމީ އުޚުއްވަތްތެރިކަމުގެ ރޫޙުގައި އެމީހުންގެ ހަށިތައް އަންދާ ނުލުމަށް ސްރީލަންކާ ސަރުކާރުގައި ދެންނެވުން މާ ރަނގަޅުވާނެ ކަމަށެވެ.
މައުމޫން މިހެން ވިދާޅުވެފައި މިވަނީ ކޮވިޑް-19 ޖެހިގެން ސްރީލަންކާގައި ނިޔާވާ މުސްލިމުންނަށް އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް ސްރީލަންކާ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށާއި، ދިވެހިރާއްޖޭގައި ސްރީލަންކާގެ މިފަދަ މުސްލިމުންނަށް އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ހަމަޖައްސައިދިނުމަށް އެހީތެރިކަން ހޯއްދެވުމަށް އެދިވަޑައިގެން ސްރީލަންކާގެ ރައީސް ގޯތާބަޔަ ރާޖަޕަކްސަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙްގެ އަރިހަށް ވަނީ ސިޓީފުޅެއް ފޮނުއްވާފައިވާ ކަމުގައި ފޮރިން މިނިސްޓްރީން ހާމަކޮށްފައި ވަނިކޮށެވެ.
އަދި އިސްލާމީ އުޚުއްވަތްތެރިކަން ދެމެހެއްޓުމުގެ މަތިވެރި ނިޔަތާއި މަޤްޞަދުގައި، އަދި ދިވެހިރާއްޖެއާ ސްރީލަންކާއާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް ރިޢާޔަތްކުރައްވައި، ސްރީލަންކާގެ މުސްލިމުންނަށް ފޯރުކޮށްދެވޭ ޚާއްސަ އެހީތެރިކަމެއްގެ ގޮތުގައި ސްރީލަންކާގެ ރައީސްގެ މި ހުށަހެޅުއްވުމުގައި އެދިވަޑައިގެންފައިވާ ކަންކަން އިންތިޒާމް ކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ މެދުގައި މަޝްވަރާކުރައްވަމުން ކަމުގައިވެސް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.
ސަރުކާރުގެ މި ނިންމުމަށް ރާއްޖޭގެ ގިނަ ޢިލްމުވެރިންނާއި ސިޔާސީ ލީޑަރުން މަރުޙަބާ ކިޔާފައިވާއިރު، ރައީސް މައުމޫން ވަނީ މިކަމާ ދެކޮޅު ހައްދަވައިފައެވެ.