English Edition
Dhivehi Edition
0 ރަންވޭގައި އިއްތިހާދު އެއާވެޭސް އޭ-380 މަރުކާގެ ފްލައިޓް ޖައްސާފައި --- ވަގުތު އިމޭޖްސް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ރަންވޭ ރަސްމީކޮށް ހުޅުވައި، ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް އޭ 380 މަރުކާގެ ބޯޓެއް ޖައްސައިފިއެވެ.

މި ބޯޓު އައު ރަންވޭ އަށް ތިރިކޮށްފައިވަނީ އެއްހާސް ފޫޓު ތިރިން މާލެ ވަށައިގެން ބުރެއް ޖެހުމަށްފަހު ގައެވެ. މި ބޯޓުގެ ޕައިލެޓަކީ އޭ-380 ދުއްވުމުގެ ލައިސަންސް އޮތް ހަމައެކަނި ދިވެހި ޕައިލެޓް ކެޕްޓަން އަހުސަނެވެ.

ބޯޓު އައު ރަންވޭއަށް ޖެއްސުމުގެ ހުއްދަ ދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމެވެ. ރައީސް ވަނީ ފްލައިޓްގެ ކެޕްޓަން އަހުސަނަށް މަރުހަބާ ވިދާޅުވެފައެވެ.

އާ ރަންވޭ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން، އިއްތިހާދު އެއާވޭސްގެ އޭ-380 ފްލައިޓު ގެ ބޯޓު، 1000 ފޫޓު ތިރިން މާލެ ވަށައި ބުރެއް ޖަހާފައިވެއެވެ. އަދި ބޯޓު ޖެއްސުމަށްފަހު، ދިވެހި ސިފައިންގެ ޕެރެޖަމްޕާސް ހުޅުލޭގެ 5000 ފޫޓުމަތިން ޕެރެޝޫޓާއެކު ފުއްމާލުމުގެ ހަރަކާތެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.މީގެ އިތުރުން މޯލްޑިވިއަންގެ ސީޕްލޭން ފްލީޓަކުން ލޯ ފްލައިޕާސް ހަރަކާތެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި ދިވެހި ގައުމީ ފުޓްބޯޅަ ޓީމާއެކު އަބޫދާބީ އިން އިއްތިހާދު އެއާވޭސްގެ އީވައި-278 ފްލައިޓް ރާއްޖެ އަންނަން ފުރީ މިއަދު ހެނދުނު 11:25 ހާއިރު އެވެ. މި ބޯޓު ވެލާނާ އެއާޕޯޓުގައި ޖައްސާފައި ވަނީ، އައު ރަންވޭ ހުޅުވުމަށް އެއާޕޯޓުގައި ކުރިއަށްގެންދިޔަ ޚާއްސަ ރަސްމިއްޔާތެއްގެ ތެރެއިންނެވެ.

ރާއްޖޭގެ އެންމެ ބިޒީ ވައިގެ ބަނދަރު ކަމަށް ވާ މި ބަނދަރުގައި މޯލްޑިވިއަން އިން ޓޫރިޒަމްގެ ހައި ސީޒަންގައި ދުވާލަކު 100 އަށްވުރެ ގިނަ ފްލައިޓް އޮޕަރޭޓްކުރެ އެވެ. އަދި އެނޫން ދުވަސްވަރު ވެސް އެވްރެޖްކޮށް 80 ފްލައިޓް އޮޕަރޭޓްކުރެ އެވެ.

އާ ރަންވޭއާއެކު ކައިރި ކައިރީގައި ފްލައިޓުތައް ޖެއްސުމަށްވެސް މަގުފަހިވެގެންދާނެކަމަށް މޯލްޑިވިއަން އޮޕަރޭޓްކުރާ ސަރުކާރުގެ ވައިގެ ކުންފުނި، އައިލެންޑް އޭވިއޭޝަން އިން ވަނީ ބުނެފައެވެ. އެގޮތުން މީގެ ކުރިން ބޮޑު ބޯޓެއް ޖެއްސެނީ އެއް ބޯޓު ޖައްސާތާ 10 މިނެޓު ފަހުންކަމަށާއި އާ ރަންވޭއާއެކު ދެބޯޓު ޖެއްސުމާ ދެމެދުގައި ހޭދަވާނީ 3 ވަރަކަށް މިނެޓް ކަމަށް ވެސް އެފަރާތުން ބުނެއެވެ..