English Edition
Dhivehi Edition

މިރެއަކީ ރައްޔިތުންގެ މެދުގައި ޤައުމީ އެއްބައިވަންތަކަން އޮތް މިންވަރު ފެނިގެންދާނެ ދުވަސްކަމަށް ޕީޕީއެމްއިން ބުނެފިއެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު ވިދާޅުވީ ސެޕްޓެމްބަރ 18 ވަނަ ދުވަހަކީ ރާއްޖެއަށް ގިނަ ގޮތްގޮތުން ޚާއްސަ ދުވަހެއްކަމަށެވެ.

އެގޮތުން މިއަދު ސާފު ސުޒްކީކަޕް ގައި ރާއްޖެ ހޯދި ކާމިޔާބީއަށްފަހު ޤައުމީ ޓީމް އެނބުރި ރާއްޖެއައުމާއި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އާ ރަންވޭ ހުޅުވުމުގެ ގޮތުން ދުނިޔޭގެ އެންމެ ބޮޑު މަތިންދާ ބޯޓު A380 މަރުކާގެ މަތިންދާ ބޯޓު ޖައްސާ ދުވަސްކަން ނިހާން ވަނީ ފާހަގަކުރައްވާފައެވެ.

ނިހާން ވިދާޅުވީ މިފަދަ އުފާވެރި ދުވަހެއްގައި ޕީޕީއެމްގެ ބޮޑު ޖަލްސާއެއް ބޭއްވުން ވެގެންދާނީ ޤައުމީ އެއްބައިވަންތަކަން ފެނިގެންދާނެ ދުވަހެއްކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ރައްޔިތުންގެ ތާޢީދު އޮތްމިންވަރު ދައްކާލުމަށްޓަކައި ވެރިކަންކުރާ ޕާޓީ ޕީޕީއެމްއިން މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑު ޖަލްސާ މިރޭ އޮންނާނެއެވެ.

ނިހާން ވިދާޅުވީ މި ޖަލްސާގައި ބައިވެރިވުމަށް އެކި ރަށްރަށުން ކަނޑުމަގުންނާއި ވައިގެ މަގުން މީހުން މާލެ އަންނަމުންދާކަމަށެވެ. .

ނިހާން ވިދާޅުވީ މި ޖަލްސާ ބާއްވާ ވެލި ދަނޑުގައި 20000 ގޮނޑިޖެހުމަށް ހަމަޖެހިފައިވާކަމަށެވެ.

މިޖަލްސާގައި ސަތޭކަ އައްޑިހައަށްވުރެ ގިނަ ރަށުން މީހުން ބައިވެރިވާއިރު މިޖަލްސާއިން އެކަނިވެސް ރައީސް ޔާމީނަށް ރައްޔިތުންގެ މެދުގައި އޮތް ތާޢީދު ފެނިގެންދާނެކަމަށް ޕީޕީއެމް އިން ބުނެއެވެ.