ފިލިޕީންސަށް މިއަހަރު މިހާތަނަށް އަރާފައިވާ އެންމެ ބާރުގަދަ ތޫފާން ކަމަށްބުނާ ތޫފާން މަންޚޫތު އަރައި މިހާތަނަށް 25 މީހުން މަރުވެފައިވާކަމަށް ޚަބަރުތައް ބުނެފިއެވެ.
މި އަހަރު ރިކޯޑް ކުރެވުނު އެންމެ ބާރުގަދަ ތޫފާން މަންޚޫތު ގައި ފިލިޕީންސް އިން މިހާތަނަށްގިނައިން މީހުން މަރުވެފައި ވަނީ ފަރުބަދަމަތީގެ ސަރަހައްދުތަކުގެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ކަމަށް އެގައުމުގެ މީޑިއާތައް ބުނެއެވެ.
މި ތޫފާނުގެ ސަބަބުން އެކި ހިސާބުތަކުގައި ކަރަންޓް ކެނޑިފައިވާއިރު އެކި އިމާރާތްތަކަށް ވަނީ ބޮޑެތި ގެއްލުން ލިބިފައި ވާއިރު ދަނޑުބިންތައް ބޭނުންނުކުރެވޭ ވަރަށް ވަނީ ހަލާކުވެފައެވެ. އަދި ކޯރުތައް ބަންޑުންވެ ގިނަ ހިސާބުތަކެއްގައި ފެންބޮޑުވެފައިވެއެވެ.
މީހުން ސަލާމަތް ކުރުމުގެ މަސައްކަތްތައް ކުރަމުންދާއިރު ރައްކާތެރި ހިސާބުތަކަށް މީހުން ގެންދިއުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ދަނީ ކުރަމުންނެވެ.
މިގަޑިއަކު 125 މޭލު ބާރުމިނުގައި ވައިޖެހެމުންދާ އިރު މިތޫފާނު ފިލިޕީންސަށް އަރާނެކަމަށް ދުރާލައި ވަނީ އިންޒާރު ދީފައެވެ. ތޫފާން މަންޚޫތު ފިލިޕީންސަށް މި ތޫފާން އަރާފައި ވަނީ ހޮނިހިރު ދުވަހުއެވެ.