English Edition
Dhivehi Edition

ޕިލިޕީންސްގައި ތިބި ދިވެހި ދަރިވަރުންގެ ހާލު ވަރަށް ގާތުން ބަލަމުންދާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން މިހެން ބުނެފައި މިވަނީ ފިލިޕިންސަށް ތޫފާން “ރައި” އަރާ ގެއްލުންތަކެއްވަމުންދާ ދަނޑިވަޅެއްގަ އެވެ.

އެގައުމުގައި ތައުލީމު ހާސިލު ކުރަމުންދާ ބައެއް ދިވެހި ދަރިވަރުންނާ ނުގުޅިގެން ޢާއިލާތަކުން ވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުން ނެވެ. އަދި އެކަން ރާއްޖޭގެ ކަމާބެހޭ އިދާރާތަކަށް ވެސް ވަނީ އަންގާފަ އެވެ.

ފޮރިން މިނިސްޓްރީން ބުނީ ތޫފާން “ރައި” އަރާ ގެއްލުންވި ތަންތަނުގެ ތެރޭގައި ދިވެހި ދަރިވަރުން ދިރިއުޅޭ ގެތައް ވެސް ހިމެނޭ ކަމަށެވެ. އެކަމަކު އެކުދިންގެ ހާލު ރަނގަޅު ކަމަށެވެ.

އެ ދަރިވަރުންގެ ހާލު ވަރަށް ގާތުން ބަލަމުންދާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ތޫފާގައި ދިވެހި ދަރިވަރުން ދިރިއުޅޭ ބައެއް ކޮޓަރިތަކުގެ ފުރާޅު އެއްލާލާފައިވެ އެވެ. އަދި ބައެއް ދަރިވަރުން ދިރިއުޅޭ ސަރަހައްދުތަކުން އިއްޔެއިން ފެށިގެން ކަރަންޓު ކެނޑިފައިވާ ކަމަށް ވެ އެވެ.

ތޫފާން “ރައި” އެގައުމަށް އެރި ގަޑީގައި ގަޑިއަކު 195 ކިލޯމީޓަރު (121 މޭލު) ބާރުމިނުގައި ވައި ޖެހިފައި ވެއެވެ. އަދި ބިންގަނޑު ކަަނޑައިގެން ދިއުމުގެ ހާދިސާތައް މިހާރު ދަނީ ކުރިމަތިވަމުން ނެވެ.

މި ތޫފާނުގައި ފެން ބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކާ ގުޅިގެން މިހާރު ވެސް 10،000 އަށް ވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ވަނީ ގެންގޮސްފަ އެވެ.

ފިލިޕިންސްގެ މޫސުމާ ބެހޭ އިދާރާ އިން ވަނީ ތޫފާން ރައިގެ ސަބަބުން ކުރިޔަށް އޮތް ދުވަސްތަކުގައިވެސް ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ހިނގާނެތީ އެކަމުގެ އިންޒާރުދީފަ އެވެ.

ތޫފާނުގެ ބާރު މިހާރު ދަށްވެފައި ވާއިރު، ހާލުގައި ޖެހުނު މީހުންނަށް އެހީވުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.