English Edition
Dhivehi Edition

އަބުރު ކަތިލެއްވުމަށް ގިނަ ބަޔަކު މަސައްކަތް ކުރަމުން އަންނަ ކަމަށާއި ނަމަވެސް އެއީ މިހާރު ޖެހިލުވެވަޑައި ގަންނަވާ ކަންކަމެއް ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

މިހާރު އައްޑޫސިޓީއަށް ކުރައްވަވާ ދަތުރުފުޅުގައި ހިތަދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ އަބުރު ކަތިލެއްވުމަށް އެތެރެއިންނާއި ބޭރުން ފައިސާތައް ހަރަދު ކުރައްވާ ކަމަށާއި ނަމަވެސް އެއީ ޖެހިލުންވެވަޑައިންނަވާނެ ކަމެއް ނޫން ކަމަށެވެ.

ސޯޝަލް މީޑިއާގައި އެމަނިކުފާނުގެ އިސްތަށިފުޅުގައި ތުހުމަަތުތަކެއް އަޅުވާ ލިޔެކިޔުންތަކެއް ދައުރުވަމުންދާ ކަމަށާއި އެ ވާހަކަތަކާ ގުޅިގެން ބައެއް ހަބަރުތައް ވެސް މީޑިއާތަކުން ގެނެސްދީފައިވާ ކަމަށް ވިދާޅުވަމުން ރައީސް ޔާމީން ވިދާޅުވީ ދައުލަތެއްގެ ވެރިއަކަށް ހުންނަ މީހެއް ނަމަ އެފަދަ ތުހުމަތުތަކެއް ވެސް އަންނާނެ ކަަމަށެވެ. ނަމަވެސް އިލްޒާމްތައް އަޅުވާ އިރު ކޮންމެވެސް ހައްދެއް އޮންނާންވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ވޯޓާ ހަމައަށް ދާއިރު އެ މީހުން ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެކަން އެނގިވަޑައިގަންނަވާ ކަމަށާއި މިހާރުއެ ފެންނަނީ އޭގެ ކޮޅުމަތި ކަމަށެވެ.

ރައީސް ޔާމީން ވަނީ މިއީ ރާއްޖޭގައި ބާއްވާ އިންތިހާބެއްތޯ ނުވަތަ ބޭރު ގައުމުތަކުން ބޭނުންވާ ގޮތަށް ބާއްވާ އިންތިހާބެއްތޯ ވިދާޅުވެ ސުވާލު އުފައްދަވާފައެވެ.