English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އައްޑޫސިޓީއާއި ފުވައްމުލަކަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު މެންދުރުފަހު މާލެއިން ފުރާވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ހުޅުމީދޫއަށް ވަޑައިގެން އެރަށުގެ ނަރުދަމާ ނިޒާމުގެ ޚިދުމަތާއި، ފެނުގެ ޚިދުމަތް އިފްޠިތާޙް ކޮށްދެއްވުމަށާއި، އެރަށުގައި ޢިމާރާތްކޮށްފައިވާ ހައުސިން ޔުނިޓްތައް ހުޅުއްވައިދެއްވުމަށާއި، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ހުޅުއްވައިދެއްވުމަށާއި، ހުޅުދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހިތަދޫއަށް ވަޑައިގެން އެރަށުގެ ނަރުދަމާގެ ޚިދުމަތް ފައްޓަވައިދެއްވުމަށާއި، ހައުސިންގް ޔުނިޓްތަކާއި، ނޭޗަރ ޕާކާއި، ސޯލާ ހައިބްރިޑް ޕަވަރ ސިސްޓަމް ހުޅުއްވައިދެއްވުމުގެ އިތުރުން ފޭދޫ، މަރަދޫ، މަރަދޫފޭދޫގެ ފެނުގެ ޚިދުމަތް ފައްޓަވައިދެއްވުމަށާއި، ފޭދޫ ބިންހިއްކުމުގެ މަޝްރޫޢު ނިމުން ފާހަގަކޮށްދެއްވުމަށް ވެސް ވަނީ ހަމަޖެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ޏ. ފުވައްމުލަކަށް ވަޑައިގެން އެރަށުގެ ފެނާއި، ނަރުދަމާގެ ޚިދުމަތް ފައްޓަވައިދެއްވުމަށާއި، ހައުސިންގ ޔުނިޓްތަކާއި، ނޭޗަރ ޕާކް ހުޅުއްވައިދެއްވުމުގެ އިތުރުން އެރަށު ބަނދަރުގެ އެއްގަމުތޮށި ހަދާ ނިމުން ފާހަގަކޮށްދެއްވުމަށް ވެސް ހަމަޖެހިފައިވެއެވެ.

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި މަރަދޫ އަދި މަރަދޫފޭދޫގެ ރައްޔިތުންނާ ބައްދަލުކޮށްލެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.