ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އައިޖީއެމް އެޗް އަށް ގެންގޮސްފިއެވެ.
ރައީސް މައުމޫނު އައިޖީއެމްއެޗަށް ގެންގޮސްފައިވަނީ މިއަދު ހެނދުނެވެ. ރައީސް މައުމޫނަށް ތާއީދުކުރާ ފެކްޝަންގެ ސެކެރެޓަރީ ޖެނެރަލް އަބްދުލް އަލީމް ވިދާޅުވި ގޮތުގައި ރައީސް މައުމޫނު އައިޖީއެމްއެޗަށް ގެންގޮސްފައިވަނީ އެމްއާރުއައި އެއް ހެއްދުމަށެވެ.
ޑޮކްޓަރަށް ދެއްކުމަށް މައުމޫން މިއަދު މާލެ ގެންގޮސްފައި މިވަނީ އާލަސްކަންފުޅާ އުޅުއްވާތީ ކަނޑު ދަތުރު ނުކުރެވޭނެ ކަމަށް މައުމޫނާއި އެމަނިކުފާނުގެ ވަކީލުން ވިދާޅުވާތީ އެމަނިކުފާނުގެ މައްޗަށް ދައުލަތުން ކުރާ ޓެރަރިޒަމްގެ ދައުވާގެ ޝަރީޢަތް ކުރިއަށް ނުގެންދެވި އޮންނަތާ ގިނަ ދުވަސްތަކެއް ފަހުންނެވެ.
ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންގެ ބެލުމުގެ ދަށުން މައުމޫން އައިޖީއެމްއެޗް އަށް ގެނައިއިރު އަރިހުގައި އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ހުންނެވިއެވެ.