English Edition
Dhivehi Edition

ގައުމު ކުރިއަރައިގެން ދާނީ ރައީސް ޔާމީންގެ މަސައްކަތުން ކަމަށާއި ޤައުމަށް އަންނަމުންދާ ތަރައްޤީގެ ހިއްސާއަކަށް ވެވަޑައިގަތުމަށްޓަކައި ރައީސް ޔާމީނާއި އެކު މަސައްކަތް ކުރުން މުހިންމު ކަމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

ބުރިޖު ސަޅި ނަމުގައި ޕީޕީއެމްއިން ބޭއްވި ރަސްމިއްޔާތުގައި އަލްހާން ޕީޕީއެމާ ގުޅިވަޑައިގެންނެވުމަށްފަހު އަލްހާން ވިދާޅުވީ ރައީސް ޔާމީންގެ ފަހަތްޕުޅުގައި މަސައްކަތް ކުރައްވަން ނިންމެވީ ޤައުމަށް އަންނަ ތަރައްޤީ ފެނިވަޑައިގެން ކަމަށެވެ.

ރިޔާސީ އިންތިހާބަށް ކުޑަތަންވެފައިވާއިރު، މި ދުވަސްވަރު ތަރައްޤީގެ މުހިންމުކަން ދިވެހި ރައްޔިތުންނަށް ވަޒަންކޮށްދެއްވުން މުހިންމު ކަމަށް ވިދާޅުވަމުން އަލްހާން ވިދާޅުވީ، ޕީޕީއެމްއާއި ރަސްމީކޮށް ގުޅިވަޑައިގެންފައިވާއިރު، އެ ޕާޓީގެ ހަރަކާތްތަކުގައި އޭނާ ދެން ފެނިގެން ދާނެ ކަމަށެވެ. އަދި ކެމްޕޭން ހަރަކާތްތަކުގައިވެސް ޝާމިލް ވާނެ ކަން އަލްހާން ފާހަގަކުރެއްވިއެވެ.

އަލްހާނަކީ ކުރިން އެމްޑީޕީގެ އިސް ސަފުގައި ވަރަށް ވަރުގަދަކޮށް ފެނިގެން ދިޔަ ފަރާތެކެވެ. ނަމަވެސް ފަހުން އޭނާ ވަނީ އެޕާޓީން ވަކިކޮއްފައެވެ. އަލްހާން އެމްޑީޕީން ވަކިކުރީ އެޕާޓީއަށް ގެއްލުންވާ ގޮތަށާއި އެ ޕާޓީގެ މަސްލަހަތު ގެއްލޭ ގޮތަށް އަމަލުކުރާ ކަމަށް ބުނެ އެމްޑީޕީގެ ގައުމީ މަޖިލީހުގެ 50 މެމްބަރަކު ސޮއިކޮށް މައްސަލައެއް ހުށަހެޅުމުންނެވެ.

އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމެޓީން ނިންމީ އަލްހާން މައާފަށް އެދިވަޑައިގަތުމަށް ފަހު، 50 މެމްބަރުންގެ ސޮޔާ އެކު އަލުން ޕާޓީ އޮފީހަށް ފޯމް ހުށަހެޅުމަށެވެ. އަދި އެމްޑީޕީގެ އެއްވެސް އިންތިހާބެއްގައި ވާދަކުރެއްވުން ވަކި މުއްދަތެއް ވަންދެން އޭނާ އަށް ވަނީ މަނާކޮށްފަ އެވެ. ނަމަވެސް ފިޔަވަޅު އަޅާ ކޮމެޓީން އެންގި ގޮތަށް އަލްހާން އަމަލެއް ނުކުރައްވަ އެވެ.