English Edition
Dhivehi Edition

މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ބްރިޖް ހުރަސްކޮށް އެއާޕޯޓަށް ވެހިކަލްތައް ވަނުމުގެ އުސޫލާއި ޕާކް ކުރުމުގެ އަގުތައް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މިއަދު އާންމުކޮށްފި އެވެ.

ސިނަމާލެ ބުރިޖު އާންމު ދަތުރުފަތުރަށް ހުޅުވާލާނީ މާދަމާ ހަވީރު 16:00 ގައެވެ.

އެމްއޭސީއެލުން އާންމު ކުރި އުސޫލުގައިވާ ގޮތުން އެއާޕޯޓަށް ވަންނަ ވެހިކަލްތަކަށް އޮންނާނީ މައިގަނޑު ހަތަރު ސަރަހައްދެކެވެ. އެއީ އަމިއްލަ ވެހިކަލްތަކަށް ޕާކް ކުރާނެ ސަރަހައްދަކާއި ފުރަން އަންނަ ފަރާތްތައް ދަތުރުކުރާ ބަސްތަކާއި އަމިއްލަ ވެހިކަލްތަކާއި ޓެކްސީތަކަށް ޚާއްސަ ސަރަހައްދަކާއި އެއާޕޯޓުން މީހުން ބަލާ ދިއުމަށް ދާ އަމިއްލަ އުޅަނދުތަކާއި ޓެކްސީތަކަށް ޚާއްސަ ސަރަހައްދަކާއި އެއާޕޯޓުން މީހުން ބަލައި ދާ ބަސްތަކަށް ޚާއްސަ ސަރަހައްދެކެވެ.

އެމްއޭސީއެލުން އާންމުކުރި އިއުލާނުގައިވާ ގޮތުން އަމިއްލަ އުޅަނދުތައް ޕާކް ކުރުމަށް ޚާއްސަ ކޮށްފައިވާ ސަރަހައްދުން ފީ ނެގުމަށް ހަމަޖައްސާފައިވަނީ ހަތަރު ފުރޮޅީ އުޅަނދަކުން ނަމަ އެއް ގަޑިއިރަށް 20ރ. އެވެ. އަދި ދެ ގަޑިއިރަށް ނަމަ 30ރ. ނަގާއިރު، ތިން ގަޑިއިރަށް 40ރ. އަދި އެ އަށް ވުރެ އިތުރުވާ ކޮންމެ ގަޑިއިރަކަށް 30ރ. ނަގާނެ އެވެ.

ސައިކަލްތަކުން އެއް ގަޑި އިރަށް 10ރ. ނަގާއިރު، ދެ ގަޑި އިރަށް 15ރ. އަދި ތިން ގަޑި އިރަށް 20ރ. ނަގާނެ އެވެ. އަދި ތިން ގަޑި އިރަށް ވުރެ އިތުރުވާ ކޮންމެ ގަޑިއަކަށް 10ރ. ނަގާނެ އެވެ.