އިއްތިހާދުގެ ސަރުކާރެއްގައި އައްޑުއަތޮޅަށް ތަރައްގީ ގެނެސް ދޭނެ ކަމަށާއި އިއްތިހާދުގެ ވެރިކަން ވެގެންދާނީ އައްޑޫއަށް ފާގަތިކަން ގެނެސްދޭ ވެރިކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ޕާޓީތަކުން ރޭ އައްޑޫ މީދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ފެށި ކަންކަން އަދިވެސް ވަނީ ކުރިއަށް ނުގެންދެވި ކަމަށެވެ. އެކަންކަން ފުރިހަމަކޮށް އިއްތިހާދުގެ ސަރުކާރުން އައްޑު އަތޮޅަށް ތަރައްގީ ގެނެސްދޭނެ ކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި އިއްތިހާދުގެ ފަރާތުން އައްޑުއަށް ގެންނާނެ ތަރައްގީގެ ތަފުސީލު ވަރަށް އަވަހަށް ހާމަކުރާނެ ކަަމށާއި އައްޑޫގެ ޕްލޭން ވެގެންދާނީ ރައްޔިތުންނާއި މުޅި އައްޑޫގެ ކުރިއެރުމާއި ފާގަތިކަމަށް ފަހި ޕްލޭނަކަށް ކަމަށް އަސްލަމްވިދާޅުވިއެވެ.
މި ޖަލްސާގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ ދިވެހި ރައްޔިތުން އަނިޔާވެރިކަމާއި ވައްކަމާ ދެކޮޅު ކަމަށެވެ. ވައްކަން ކުރާ މީހަކަށް އެއީ މައްސަލައަކަށް ނުވިޔަސް ދިވެހި ރައްޔިތުން އެކަން ބަަލައިނުގަންނާނެ ކަަމަށެވެ. ސިޔާސީ ވެރިން އެފަދަ ވާހަކަތައް ތަކުރާރުކޮށް ދައްކަވާތީއާއި އެފަދަ ތުހުމަތު ސިޔާސީ ވެރިންނަށް ކުރަމުންދާތީ ވަރަށް ކަންބޮޑުވާ ކަމަށާއި އެކަންކަމުން ސަލާމަތް ވާން ޖެހޭ ކަމަށް އަސްލަމް ވިދާޅުވިއެވެ.
“ރާއްޖޭގެ ރައްޔިތުން މިއަދު އެންމެ ބޮޑަށް ބޭނުންވަނީ އިންސާފު. ސަރުކާރުން ވަނީ ރައްޔިތުންގެ އަތުން އިންސާފު ފޭރިގެންފައި . ހަމަޖެހޭ މުޖުތަމައެއް ގާއިމުކޮށް ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުވެ، ހައްގު މިންވަރު ލިބޭނީ އިންސާފު ގާއިމުކުރެވިގެން ” އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ ގައުމު ތަރައްގީ ނުވެގެން އުޅެނީ ދައުލަަތަށް އާމްދަނީ ނުލިބޭތީ ނޫން ކަމަށާއި ޚިޔާނާތާއި ފަސާދައަށް މަގުފަހިވާ ގޮތަށް ކަންކަން ކުރާތީ ކަަމަށެވެ. އައްޑު ސިޓީ ވެސް އޮތީ އެތައް ޚިދުމަތަކުން މަހުރޫމްވެފައި ކަމަށާއި ރާއްޖޭގެ ހުރިހާ ދިމާލެއް ވެސް އޮތީ އެހާލަތުގައި ކަަމަށް އަސްލަމް ވިދާޅުވިއެވެ.