ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ތިބެނީ ބޮޑެތި މަޝްރޫއުތަކުގެ އިންތިޒާރުގައި ކަމަށާއި، އެ ހުވަފެންތަކުގައި ކުލަޖެހޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ފާދިއްޕޮޅުގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދެދުވަހުގެ ދަތުރުފުޅުގައި، އެއަތޮޅު ކުރެންދުއަށް ވަޑައިގެން އެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންގެ މައްސަލަތަކަށް އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން އެކަންކަން ހައްލުކުރައްވަމުން މިގެންދަވަނީ މިސަރުކާރުން ކަމުގައެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ސިޔާސީ ފިކުރު ތަފާތުވި ކަމުގައިވީނަމަވެސް އިޤްތިޞާދީ ފިކުރު ވާންވާނީ ރައްޔިތުންނަށް ލިބޭ ފައިދާއާއި އޭގެ މަންފާ އެންމެ ފުރިހަމައަށްލިބޭ ފިކުރެއްކަމަށެވެ.
ހަމަ މިއާއެކު އިދިކޮޅު ސިޔާސީ ފިކުރުތައް އެއްފަރާތްކުރުމަށް ފަހު ޤައުމީ ނަޒަރަކުން ކަންކަމާއިމެދު ފިކުރުހިންގާ ދީންދެކެ ލޯބިވާ ދަރިއެއްގެ ހައިސިއްޔަތުން ރަށްރަށަށް ގެންނަން ބޭނުންވާ ތަރައްޤީއަށް އެދޭ ބައެއްގެ ހައިސިއްޔަތުން ވިސްނުން ގެންގުޅުމަށް ވެސް ރައީސް ވަނީ އިލްތިމާސް ކުރައްވަވާފައެވެ.
މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މަސްވެރިންނަށާ، ޓުއަރިޒަމް ގެ ސިނާއަތަށް ބުރޫ އަރާފަދަ ވާހަކަތައް ނުދެއްކެވުމަށް އިދިކޮޅު ފަރާތްތަކުގެ ކިބައިން އެދިވަޑައިގެންފައެވެ.
އަޅުގަނޑުމެން އިންސާނުންކުރާ ކަންތައްތަކަށް އިހްތިރާމް ނެތަސް މިސްކިތްތަކުގެ ކަރާމަތް އޮންނަންވާނެ ކަމުގައި ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދީނަށް އޮންނަ ލޯބި ފަނޑުވެގެން ދިޔަ ނުދިނުމަށް އެދިވަޑައިގެންފައެވެ. އަދި މި ސަރުކާރުން ދީނަށް ދެއްވާ އަހަންމިއްޔަތުކަން ފާޅުކުރައްވަމުން، އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުން މިސްކިތްތައް ހިންގާނީ ދިވެހި ދައުލަތަށް ލިބޭ ފައިސާއިންކަމަށާއި، ﷲ ގެ މަގުގައި ހޭދަކުރުމަށް ވުރެ މުހިންމުކަމެއް މިސަރުކާރަށް ނޯންނާނެކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އިއްޔެ ފެއްޓެވި މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ޅ. ނައިފަރުގައި ޤާއިމުކޮށްފައިވާ އަތޮޅު ހޮސްޕިޓަލްގެ އައު އިމާރާތް ހުޅުއްވައިދެއްވައި ނައިފަރުގެ ބަނދަރު ހުޅުވައިދެއްވައިފައެވެ. އަދި އެމަނިކުފާނު ވަނީ ރޭގެ ވަގުތެއްގައި ހިންނަވަރަށް ވަޑައިގެން، އެރަށު ރައްޔިތުންނާ ބައްދަލުކޮށްލައްވައިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ފާދިއްޕޮޅަށް ކުރައްވަމުން ގެންދަވާ މިދަތުރުފުޅުގައި މިއަދު އެއަތޮޅު އޮޅުވެލިފުށްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ވެސް ވަނީ ބައްދަލުކުރައްވައިފައެވެ