މާލެ އާއި ހުޅުލެ އަދި ހުޅުމާލެ އެއްގަމު މަގުން ގުޅާލެވިފައިވާ ސިނަމާލެ ބްރިޖް މިރޭ ރަސްމީކޮށް ހުޅުވައިފިއެވެ.
ބްރިޖް ހުޅުވާފައިވަނީ މިކަމަށްޓަކައި މިރޭ އާޓިފިޝަލް ބީޗް ސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.
ބްރިޖު ރަސްމީކޮށް ހުޅުއްވައިދެއްވީ މިރޭ ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ޗައިނާ ސަރުކާރުގެ ފަރާތުން ރަސްމިއްޔާތުގައި ބައިވެރިވެލައްވާ ޗައިނާ ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޖެންސީގެ ޗެއާމަން ވަންގް ޝިއާއޮ ޓާއޯ އެވެ.
ސިނަމާލެ ބްރިޖާއެކު މާލެ އާއި ހުޅުލެ އަދި ހުޅުމާލެ އެއްގަމު މަގުން ގުޅާލެވިފައިވާއިރު މިއީ ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިންގި އުމަރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއެވެ. މިމަޝްރޫއަކީ 2014 ވަނައަހަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި ޗައިނާގެ ރައީސަށް ހުށަހެޅުއްވި ހުށަހެޅުމެކެވެ.
ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު ނުވަތަ ޗައިނާއާއި ރާއްޖެއާ ދެމެދު އޮންނަ އެކުވެރިކަމުގެ ރަމްޒެއްގެ ގޮތުގައި އެޅި އެ ބްރިޖުގެ އެއްބަސްވުމުގައި ޗައިނާ އާއި ރާއްޖެއާ ދެމެދު ސޮއިކޮށްފައިވަނީ 9 ޖުލައި، 2015 ވަނަ އަހަރެވެ.
ޗައިނާ ސަރުކާރުގެ ހިލޭ އެހީ އާއި ރާއްޖޭގެ ސަރުކާރުގެ ބަޖެޓުން އަދި ޗައިނާގެ ލޯނު އެހީގައި އެޅި ބްރިޖު މަޝްރޫއަށް 200 މިލިއަން ޑޮލަރު ވަނީ ޚަރަދުވެފައިވާއިރު ބްރިޖްގެ މަސައްކަތް ނިންމާލެވުނީ 3 އަހަރާއި 11 މަސްދުވަސްތެރޭގައެވެ.