English Edition
Dhivehi Edition
ސިނަމާލެ ބްރިޖް: ފޮޓޯ ފޭސްބުކް

މިރޭ ހުޅުވުމަށް ތައްޔާރުވަމުންދާ ސިނަމާލެ ބްރިޖް، ހުޅުވުމާއެކު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރާ މީހުންނަށް މާލޭގައި ތިބެގެން، ފްލައިޓްތަކަށް ޗެކިން ކުރެވޭނެގޮތް ހަމަޖައްސައިދޭނެކަމަށް ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބްރިޖާގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރައްވަމުން ހައުސިންގ މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ ބްރިޖް ހުޅުވުމާއެކު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކަށާއި އެތެރޭގެ އުދުހުންތަކުގައި ދަތުރުކުރާ ފަރާތްތަކަށް މާލޭގައި ތިބެގެން ޗެކިންގ ވެވޭނެ އިންތިޒާމްތައް ހަމަޖައްސައިދެއްވާނެކަމަށެވެ. އެގޮތުން މާލެއާއި ހުޅުލެއާ ދެމެދު ބަސް ދަތުރުތައް ފެށުމަށް އިންޑަސްޓްރިއަލް ވިލެޖުގައި ހަދާ ބަސް ޓާމިނަލްގައި ސިޓީ ޗެކިންގެ ޚިދުމަތް ދޭން ތައްޔާރުވަމުން އަންނަ ކަމަށް މިނިސްޓަރ މުޢިއްޒު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، މި ޚިދުމަތް ދޭން ފެށުމުން، ފުރާ މީހުންނަށް އެއާޕޯޓަށް ދިޔުމުގެ ކުރިން މާލޭގައި ތިބެގެން، އިންޓަނޭޝަނަލް ފްލައިޓް ތަކަށާއި ޑޮމެސްޓިކް ފްލައިޓުތަކަށް ޗެކިން ކުރެވޭނެ ކަމަށެވެ. އެގޮތުން އެއާޕޯޓަށް ދިއުމުގެ ކުރިން ލަގެޖް ދޫކޮށްލާ ޗެކިން ހަދާ ނިމޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި ޚިދުމަތް މާލެ އެއެކޭ އެއްގޮތަށް ހުޅުމާލޭގެ ބަސް ޓަރމިނަލުން ލިބޭނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މާލެއާއި ހުޅުލެއާއި ދެމެދު އަޅާފައިވާ ސިނަމާލޭ ބުރިޖު ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ މިރޭ 08:30ގަ އާޓިފިޝަލް ބީޗް ސަރަޙައްދުގައެވެ. ބުރިޖު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި ވަޒީރުން ބައިވެރިވެވަޑައިގަންނަވާނެއެވެ.