އަންނަ އަންގާރަ ދުވަހު، ފެށުމަށް ހަމަޖެހިފައިވާ ސާފް ސުޒުކީ ކަޕުގައި ވާދަ ކުރާ އަވަށްޓެރި ސްރީލަންކާގެ ޓީމު މިއަދު ބަންގުލަދޭޝް އަށް ހިނގައްޖެ އެވެ.
ޖަޕާނާއި ދެކުނު ކޮރެއާގައި ކުރިއަށް ދިޔަ ޓްރެއިނިން ޕްރޮގްރާމަށް ފަހު، ބަންގުލަދޭޝްގެ ފައިނަލު 20 ކުޅުންތެރިންގެ ސްކޮޑް އިއުލާން ކުރީ މިދިޔަ ހުކުރު ދުވަހު އެވެ. ސާފް ޗެމްޕިއަންޝިޕްގައި ލަންކާ ހިމެނެނީ ރާއްޖެ އާއި ޗެމްޕިއަން އިންޑިއާ އާއެކު ގުރޫޕް ބީ ގަ އެވެ.
ލަންކާ ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހު ފަސް ވަނަ ދުވަހު ލަންކާ ނިކުންނާނީ އިންޑިއާ އާ ދެކޮޅަށެވެ. ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ ހަތް ވަނަ ދުވަހު އެވެ. ކުރިން ރާއްޖޭގެ ކުލަބުތަކަށް ކުޅުނު، ލަންކާގެ ގައުމީ ކޯޗް ފަކީރު އަލީ ކުރިން ބުނެފައި ވަނީ އޭނާގެ އަމާޒަކީ ރާއްޖެއަތުން ޕޮއިންޓެއް ހޯދުން ކަމަށެވެ.
ރާއްޖެއިން ދަނީ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ގަތަރުގައި ޓްރެއިނިން ކުރިއަށް ގެންދަމުންނެވެ. ރާއްޖޭގެ 20 ކުޅުންތެރިންގެ ފައިނަލު ސްކޮޑު އިއުލާން ކުރުމަށްފަހު ބަންގުލަދޭޝްއަށް ދާނީ އަންނަ އާދިއްތަ ދުވަހު އެވެ. ރާއްޖެއިން ވަނީ ގަތަރުގައި އެ ގައުމުގެ ދެ ވަނަ ޑިވިޝަންގެ ކުޔލަބު އަލް މަރްހިއްޔާއާ ދެކޮޅަށް ކުޅެފަ އެވެ. އެ މެޗު ރާއްޖެ ކާމިޔާބު ކުރީ 4-3 ން ނެވެ. ސާފް ޗެމްޕިއަންޝިޕްގެ ކުރިން، އިންޑިއާއިން ވަނީ އޮސްޓްރޭލިއާ އަށް ގޮސްފަ އެވެ. އެއީ އޮސްޓްރޭލިއާ އޭ ލީގް ޗެމްޕިއަން ސިޑްނީ އެފްސީއާ އާއި ރީޑަލް މިއާ ލަޔަންސް އެފްސީއާ ދެކޮޅަށް ޓްރެއިނިން މެޗުތަކެއް ކުޅުމަށެވެ.