English Edition
Dhivehi Edition

މިހާރުގެ ސަރުކާރުން ވަނީ އެޑްވާންސަށް ވައްކަން ކޮށްފައި ކަމަށާއި މީގެ 10 އަހަރު 20 އަހަރު ފަހުން ދިވެހި ރައްޔިތުންނަށް ލިބެންވީ ފައިސާ ވަގަށް ނަގައި އޭގެ ބޭނުން މިއަދު އެވަނީ ކޮށް ނިންމާފައި ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީކެންޑިޑޭޓު އިބުރާހިމް މުހައްމަދު ސޯލިޙް (އިބޫ) ވިދާޅުވެއްޖެއެވެ.

ސްރީލަންކާގައި ދިރިއުޅޭ ރައްޔިތުންނާއި މިއަދު ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި އިބޫ ވިދާޅުވީ ދައުލަތަށް ވަންނަ ފައިސާއިން ވައްކަން ކުރާ ކަމުގައި ވަނީ ނަމަ ތަރައްޤީއަށް ޚަރަދު ކުރާނޭ ފައިސާއެއް ނުހުންނާނެ ކަމަށެވެ. މިގޮތުން ރައީސް ޔާމީނުގެ ސަރުކާރުން މިއަދު ވަނީ އެޑްވާންސަށް ވައްކަން ކޮށްފައި ކަމުގައި އިބޫ ވިދާޅުވިއެވެ.

“މިއަދު ކޮންމެ ދިވެހި ރައްޔިތެއްވެސް ވަނީ ދަރައި ވިކިފައި. ވޯލްޑް ބޭންކުގެ ހިސާބުތައް ދައްކާގޮތުން، ކޮންމެ ދިވެހި ރައްޔިތެއްގެ ބޮލުގައި 140،000.00ރ (އެއްލައްކަ ސާޅީސް ހާސް) ރުފިޔާގެ ދަރަނި އެޅިގެން ދާނެ. ދައުލަތަށް އާމުދަނީގެ ގޮތުގައި ލިބޭ ކޮންމެ ރުފިޔާއަކުން 00/75ލ (ހަތްދިހަ ފަސްލާރި) ދައްކަންޖެހޭނީ ނަގާފައިވާ ލޯނުތައް ދައްކަން . ތަރައްޤީގެ މަޝްރޫއުތަކާއި ޚިދުމަތްތައް ފުޅާކުރުމަށް ފައިސާ ނެތިގެން އުޅެންޖެހެނީ އެހެންވެގެން” އިބޫ ވިދާޅުވިއެވެ.
އިބޫ ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ވަޢުދުތައް ފުއްދާނީ ކިހިނެއްތޯ ރައީސް ޔާމީން ސުވާލު ކުރައްވާ ކަމަށާއި އެކަމަކު އެވައުދުތައް ފުއްދޭނެ ގޮތް މާސާފު ކަމަށެވެ. މިގޮތުން ވައްކަން ކުރުން ހުއްޓާލަންވީ ކަމުގައި އިދިކޮޅު ކެންޑިޑޭޓް، އިބޫ ވަނީ ވިދާޅުވެފައެވެ.